ޖައިކާގެ އެހީގައި ޖަޕާންގައި ކުރިއަށްދިޔަ "އިމްޕްރޫވިންގ ކެޕޭސިޓީ ޓު ސަޕޯޓް ފިޝިންގ ކޮމިޔުނިޓީޒް" ތަމްރީނު ޕްރޮގްރާމަށް ދިޔަ ބައިވެރިންނާ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައްދަލުކުރައްވައިފިއެވެ.
މި ޕްރޮގްރާމަކީ މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމުގެ މަޤްޞަދުގައި، ޖައިކާއާއި ދިވެހި ސަރުކާރު ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ހިންގަމުންގެންދާ "ޕްރޮމޯޝަން އޮފް ބުލޫ އިކޮނޮމީ އިން ދަ ފިޝަރީޒް ސެކްޓަރ'' ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށް ދިޔައީ މިދިޔަ ފެބުރުވަރީ 13 އިން 27 ގެ ނިޔަލަށް ޖަޕާންގެ ޝިކޮކުގައެވެ. މި ތަމްރީނުގައި ބައިވެރިވީ، "ޕްރޮމޯޝަން އޮފް ބުލޫ އިކޮނޮމީ އިން ދަ ފިޝަރީޒް ސެކްޓަރ'' ޕްރޮޖެކްޓްގައި ބައިވެރިވެފައިވާ 3 ރަށް ކަމަށްވާ ރ.މަޑުއްވަރި، މ.ދިއްގަރު، އަދި ފ.ނިލަންދޫން ކޮންމެ ރަށަކުން 2 ބައިވެރިންގެ އިތުރުން، ޕްރޮޖެކްޓްގެ މެނޭޖަރ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނަރަލް އާދަމް މަނިކާއި ޑިރެކްޓަރ އައިމިނަތު ނާޒިމާއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނަރަލް އަދި މި ޕްރޮޖެކްޓްގެ މެނޭޖަރ އާދަމް މަނިކު ވިދާޅުވީ ޖަޕާނާއި ރާއްޖޭގެ މަސްވެރިކަމާއި ފުދޭވަރަކަށް އެއްގޮތްކަމެއް ހުރިކަމަށެވެ. އެގޮތުން ކަޅުބިލަމަހުގެ ބާވަތްތައްވެސް ޖަޕާނުގެ އެކި އަވަށްތަކުގައި އުފައްދާކަމަށެވެ.
އާދަމް މަނިކު ވިދާޅުވީ ޖަޕާނުގައި ކިތަންމެ ކުޑަ ކާބޯތަކެތީގެ ވިަޔަފާރިއެއް ވިއަސް އެތަކެތީގެ ކޮލިޓީއަށް ވަރަށް ބޮޑު އަހަންމިއްޔަތުކަން ދޭކަން ފާހަގަކުރެވުނުކަމަށެވެ. މީގެ އިތުރުން ބައެއް ފިޝަރީޒް ކޯޕަރޭޓިވް އެސޯސިއޭޝަންތަކުން ހިންގާ މަހުން ތަފާތު އަގުއެއްކުރި ބާވަތްތައް ތައްޔާރުކުރާ ތަންތަނަށްވެސް ޒިޔާރަތް ކުރިކަމަށެވެ. އަދި ޖަޕާނުގެ ބައެއް ޕްރޮޑަކްޓްތައް ތައްޔާރުކުރުމުގައި ބައިވެރިން ޢަމަލީގޮތުންވެސް ޙަރަކާތްތެރިވި ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.
" މިހުރިހާކަމެއްވެސް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ، ދެން އަމަލީ ގޮތުންވެސް ބައެއް ފެކްޓްރީ ތަކުގައި އަޅުގަނޑުމެންގެ ބައިވެރިން ކުރަންވެސް ކުރި. އަޅުގަނޑު އުންމީދު ކުރަނީ އިތުރަށް މަހުގެ ބާވަތްތައް މި ތިން ރަށުގައިވެސް މި ޕްރޮޖެކްޓުގެ ތެރޭގައިވެސް ނިންމުމަށްފަހުވެސް ކުރިއަށް ގެންދަވާނެކަމަށް" އާދަމް މަނިކު ވިދާޅުވިއެވެ.
ޕީއެސް ނިއުސްއާ ވާހަކަ ދައްކަމުން މި ޕްރޮގްރާމްގެ ބައެއް ބައިވެރިން ބުނީ މިތަމްރީން ޕްރޮގްރާމަކީ އެފަރާތްތަކަށް، އަގުއެއްކުރި މަހާއި މަހުގެ ބާވަތްތައް ތައްޔާރުކޮށް މާކެޓްކުރަމުން ގެންދާގޮތުގެ މަޢުލޫމާތާއި ޢަމަލީގޮތުން އެކަންކޮށް ތަޖުރިބާކުރުމަށް ލިބިގެން ދިޔަ ވަރަށް ބޭނުންތެރި ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.
" އަޅުގަނޑުމެންނާއި ވަރަށް އެއްގޮތް މަސްވެރިކަން ކުރާ ގޮތް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ވުރެ އުފެއްދުންތައް ވަރަށް ގިނަ. އެ ބޭފުޅުންގެ ތަކެތި ވިއްކާގޮތާއި ލޭބަލް ކުރާ ގޮތް އަޅުގަނޑުމެންނަށް ވުރެ ރަނގަޅު" ބައިވެރިއަކު ބުންޏެއެވެ.
މި ތަމްރީނު ޕްރޮގްރާމްގައި، ޖަޕާނުގެ ޝިކޮކުގެ ތިން ޕްރިފެކްޗަރެއްގެ ތަފާތު އެކި ތަންތަނަށް ޒިޔާރަތްކޮށް ކަމާ ގުޅޭ ތަމްރީނާއި ތަޖްރިބާ ހޯދާފައިވެއެވެ. މި ތަމްރީނު ޕްރޮގްރާމް މައިގަނޑުގޮތެއްގައި ރާވާފައިވަނީ ކަނޑުމަހުގެ ތަފާތު ބާވަތްތަކުން ޖަޕާނުގައި ތައްޔާރުކުރާ ބާވަތްތައް ތައްޔާރުކުރާ ގޮތާއި، ބަންދުކުރާގޮތާއި އަދި މާކެޓްތަކަށް ވިއްކުމުގެ ކުރިން ކޮންމެ ބާވަތެއްވެސް ކަޑައްތުކުރާ މަރުޙަލާތަކާ ގުޅޭ މަޢުލޫމާތު ލިބިދޭ ގޮތަށެވެ. ކުދި އަދި މެދު ފަންތީގެ މަސްވެރިކަމުގެ ފާހަގަކުރެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ ވިޔަފާރިތަކާއި އުފައްދާ އުފެއްދުންތަކުގެ މަޢުލޫމާތުވެސް ފޯރުކޮށްދީފައިވެއެވެ.
ކޯޕަރޭޓިވް އެސޯޝިއޭޝަންތަކުގެ އަންހެނުންގެ ގޮފިތަކުން، މަހުގެ އަގުއެއްކުރި ބާވަތްތައް ތައްޔާރުކުރުމުގެ އިތުރުން ކުރިއަށް ގެންދާ އެހެނިހެން ޙަރަކާތްތައް ހިންގާގޮތުގެ މަޢުލޫމާތުވެސް ބައިވެރިންވަނީ ހޯދާފައެވެ. އަދި މަހުން ތައްޔާރުކުރާ ތަފާތު ބާވަތްތައް ޢާއްމުކޮށް ވިއްކަން ހުންނަ، ރޯޑް ސްޓޭޝަންތަކުގެ ރީޓެއިލް އައުޓްލެޓްތަކަށް ޒިޔާރަތްކޮށް މަހުން ތައްޔާރުކުރާ ބާވަތްތައް އެތަނުގައި ވިއްކުމަށް ބަހައްޓާގޮތުގެ މަޢުލޫމާތުތައް ވެސް ހޯދާފައިވެއެވެ.