ރާއްޖެއަށް ތަރައްގީ ގެނައުމަށް ރައްޔިތުންގެ ސަރުކާރަށް އެއްބާރުލުން ދިނުން މުހިންމު ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވެއްޖެއެވެ.
އަލީ ސަލީމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ.ފުނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ކިތަންމެ އިޚްލާސްތެރިކަމާއެކު ވައުދުތައް ފުއްދުމަށް މަސައްކަތް ކުރިނަމަވެސް ރައްޔިތުންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ނުލިބޭނަމަ ރައްޔިތުންގެ ބޭނުންތައް ފުއްދައި ނުދެވޭނެކަމަށެވެ.
އޭނާ ވިދާޅުވީ ފުނަދޫއަކީ ކޮންމެ ސަރުކާރަކަށްވެސް އެއްބާރުލުން ދިނުމުގައި ނަމޫނާ ދައްކަމުންދާ ރަށެއްކަމަށެވެ. އެހެންނަމަވެސް ފާއިތުވި 5 އަހަރު ފުނަދޫގެ ރައްޔިތުން ތިބީ ނިކަމެތިވެފައިކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ފެށިގެން މިދިޔައީ ފުނަދޫ ތަރައްގީކުރުމުގެ ރަންޒަމާންކަމަށެވެ. އަދި ފުނަދޫގެ ތަރައްގީއަށް ކުރުމަށް ހަމަޖެހިފައިވާ ކަންކަން ކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ސަލީމް އެދިވަޑައިގެންނެވިއެވެ.
" އަޅުގަނޑުމެން 5 އަހަރު ބިކަވެ ނިކަމެތިވެފައި އޮތްވާ އަޅުގަނޑުމެންނާ ހަމައަށް މިއައީ ރަންޒަމާނެއްގެ ތަސައްވުރެއް. ހިތްވަރު ގަދަ ރައީސަކުގެ ވެރިކަން. ވައުދު ފުއްދަވާނެ ތަޖުރިބާހުރި ވެރިއްގެ ފުރުސަތެއް މިއައީ. އެހެންވީމަ މި ފުރުސަތުގެ ބޭނުންކޮށް ފުނަދޫގެ ރައްޔިތުން އާދޭސް ދެންނެވި ކަންކަން ކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމުކަމެއް" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފިނަމަ ފުނަދޫގެ އެއަރޕޯޓް އިތުރަށް ތަރައްގީކޮށް، ހޮސްޕިޓަލާއި މަގު ހެދުންފަދަ މަޝްރޫއުތައް ފެށިގެން ދާނެކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވަނީ ރާއްޖޭގެ ތަރައްގީއަށް ކުރެވޭ ކޮންމެ ކަމެއްގައި އެއްބާރުލުން ދީ ތާއިދު ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރައްޔިތުންނަށް ރައީސް ދެއްވާ އަހައްމިޔަތު ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ފުނަދޫގެ ތަރައްގީއަށް ކުރައްވާ ކޮންމެ ކަމެއްގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. ސަލީމް ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ނުދީ ގެނެވޭނެ އެއްވެސް ތަރައްގީއެއް ނޯންނާނެކަމަށެވެ.