ޚަބަރު

ދާންދޫ ޞިއްޙީ މަރުކަޒުގައި ޑިޓޮކްސިފިކޭޝަންގެ ޚިދުމަތް ފަށައިފި


  • މާލެއަށް ނުގޮސް އެރަށުގައި ތިބެގެން ޑިޓޮކްސިފިކޭޝަންގެ ޚިދުމަތް ލިބޭނެ

  • ޚިދުމަތް ބޭނުންވާ ގިނަ ފަރާއްތަކެއް އެބަތިބި

ގއ. ދާންދޫ ޞިއްޙީ މަރުކަޒުގައި ޑިޓޮކްސިފިކޭޝަންގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހްސާނެވެ.

ޑިޓޮކްސިފިކޭޝަނަކީ ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތްކުރުމަށް ދެވޭ ފަރުވާއެވެ.
ޑިޓޮކްސިފިކޭޝަންގެ ޚިދުމަތް ދާންދޫ ޞިއްޙީ މަރުކަޒުގައި ފެށީ މަސްތުވާ ތަކެއްޗާއި ބެހޭ ގައުމީ އިދާރާ، ނޭޝަނަލް ޑްރަގް އޭޖެންސީއާއި ގއ.ދާންދޫ ކައުންސިލާއި، ދާންދޫ ސިއްހީ މަރުކަޒު ގުޅިގެންނެވެ.

ޑިޓޮކްސިފިކޭޝަންގެ ޚިދުމަތް ފެށުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދާންދޫ ޞިއްޙީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތު އޮފިސަރ ސާއިގާ ފާރޫގު ބުނީ ދާންދޫއަކީ ޑްރަގްގެ މައްސަލަ ބޮޑު ރަށެއްކަމަށެވެ. އަދި މިޚިދުމަތް ފެށިގެން ދިޔުމަކީ މަސްތުވާތަކެތިން އަރައިގަންނަން ބޭނުންވެފައިވާ ފަރާތްތަކަށް ލިބިގެން ދިޔަ ފަހި ފުރުސަތެއްކަމަށް އޭނާ ބުންޏެވެ.

ސާއިގާ ބުނީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުން އެކަމުން އަރައިގަތުމަށް ބޭނުންނަމަ މިހާރު ދާން ޖެހެނީ ތިނަދޫ ނުވަތަ މާލެއަށް ކަމަށެވެ. އެހެންނަމަވެސް މި ޚިދުމަތް ދާންދޫގައި ފެށުމުން، މާލެއަށް ނުގޮސް ރަށުގައި ތިބެގެން ފަރުވާގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

" ދާންދޫއަކީ ވަރަށް ބޮޑަށް ޑްރަގްގެ މައްސަލަ އޮތް ރަށެއް. ފަރުވާ ބޭނުންނަމަ ދާން މި ޖެހެނީ މާލެ ނޫނީ ތިނަދޫއަށް. އެކަން ވަނީ ވަރަށް އުނދަގޫކަމަކަށް. މި ތަނާއެކު ވަރަށް ބޮޑުތަނުން ފަސޭހަވެގެން ދާނެ" ސާއިގާ ބުންޏެއެވެ.

ދާންދޫ ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތު އޮފިސަރ ސާއިގާ ފާރޫގު ބުނީ ދާންދޫގެ އިތުރުން ކައިރި ރަށްރަށުންވެސް މިޚިދުމަތް ބޭނުންވެގެން މިހާރުވެސް ގުޅަމުން ދާކަމަށެވެ. މިޚިދުމަތަށް އޮތް ޑިމާންޑް ބޮޑުކަން ފާހަގަކުރައްވާ ސާއިގާ ބުނީ ދެން ބޭނުންވަނީ މި ޚިދުމަތް ފުޅާކޮށް އެންމެ އެކަށީގެންވާ ގޮތެއްގައި މި މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ތަނެއްކަމަށެވެ. އެކަމަށް އެންޑީއޭގައި މަޝްވަރާ ކުރަމުންދާކަމަށް އޭނާ ބުންޏެވެ. ސާއިގާ ބުނީ މީގެ އިތުރުންވެސް އިތުރު ޚިދުމަތްތައް ފެށުމަށް ތައްޔާރުވަމުން ދާކަމަށެވެ.

އެންޑީއޭއިން ދަނީ ޑިޓޮކްސިފިކޭޝަންގެ ޚިދުމަތް ހުރިހާ ރަށަކުން ވެސް ލިބޭނެގޮތް ފަހިކުރުމަށްޓަކައި ރަށްރަށުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.