ޚަބަރު

ރަމަޟާންމަހު ބޭންކު ހުޅުވާފައި ހުންނަ ވަގުތު އާންމުކޮށްފި


  • ބޭންކް ހުޅުވާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށް

  • ފަހު 10 ގައި ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް

މި އަހަރުގެ ރަމަޟާންމަހު ބޭންކް ހުޅުވާފައި ހުންނަ ވަގުތު އާންމުކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ބުނީ ރަމަޟާންމަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކާއި، ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށެވެ.

ރަމަޟާންމަހުގެ ފަހު ދިހައެއްގައި ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ބޭންކު ހުޅުވައި ޚިދުމަތް ދޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނީ ރަމަޟާންމަހުގެ މި ވަގުތުތަކުގައި ބޭންކް ހުޅުވިނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެއެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ޤާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ޚިދުމަތްތައްވެސް މި ރަމަޟާންމަހު ކަސްޓަމަރުންނަށް ލިބޭނެކަމަށް ވަނީ ބުނެފައެވެ.

ކަސްޓަމަރުންނަށް ބޭންކުގެ ކޮންޓެކްޓް ސެންޓަރ މެދުވެރިކޮށް ނުވަތަ އާޔާ އަދި ފޭސްބުކް މެސެންޖަރ އިން ލައިވް އޭޖަންޓަކާ ވާހަކަ ދައްކައިގެން ޚިދުމަތް ހޯދޭނެއެވެ. އަދި ބީއެމްއެލް މޯބައިލް އެޕް، ވަޓްސްއެޕް، ވައިބަރ އަދި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ބޭންކުގެ ޚިދުމަތް ހޯދޭނެއެވެ.

ރަމަޟާންމަހަކީ އޮފީސް ވަގުތުތަކަށްވެސް ބަދަލު އަންނަ މަހެކެވެ. އެގޮތުން ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ރައީސް އޮފީހުން އަދި އިޢުލާންނުކުރިނަމަވެސް މިއަހަރުގެ ރަމަޟާންމަހުވެސް އޮފީސްތަކުގެ ވަގުތު އޮންނާނީ ކުރިންވެސް އޮންނަގޮތައް ހެނދުނު 09:00 އަކުން މެންދުރުފަހު 13:00 އަށްކަމަށް މައުލޫމާތުލިބެއެވެ.

މި ރަމަޟާންމަހު ފަހުދިހައެއް އޮފީސްތައް ބަންދުވާނެއެވެ. މިއީ ރައީސްގެ ރިޔާސީ ވައުދުފުޅެއްވެސްމެއެވެ. ރަމަޟާންމަހުގެ ފަހު 10 އެއް ބަންދުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި އެކަން އިޢުލާންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.