ޚަބަރު

ދިވެހި ފަންނުވެރިންގެ ހުނަރު ދައްކާލުމަށް މިހާތަނަށް ބާއްވާ އެންމެ ބޮޑު އެކްސްޕޯ މިއަހަރު ބާއްވަނީ


  • މި އެކްސްޕޯގައި އެކިއެކި ހުނަރުވެރިންގެ ހުނަރު ދައްކާލެވޭނެ

  • ވިޔަފާރިތަކަށް އިންވެސްޓަރުން ހޯދުމަށްވެސް މަގުފަހިވެގެންދާނެ

ދިވެހި ފަންނުވެރިންގެ ހުނަރު ދައްކާލުމަށް މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ މިއަހަރުގެ ތެރޭގައި ބާއްވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަ ލޯނަކާއި ލީސިންގ ސްކީމެއް އިފްތިތާޙްކުރުމަށް ބޭއްވި ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި އެކްސްޕޯ ކުރިއަށްދާނީ ރާއްޖޭގެ އެކި ފަންނުގައި ކުރިއަރާފައިވާ ފަރާތްތަކަށް އެ މީހުންގެ ފަންނުވެރިކަން ދައްކާލެވޭގޮތަށެވެ. އެގޮތުން އެކްސްޕޯގެ ތެރޭގައި ވަކިވަކި ލޭނުތައް ޚާއްސަކުރާނީ އެ ފަންނެއްގެ ބަޔެއްގެ ހުނަރުތައް ދައްކާލެވޭގޮތަށެވެ.

މި އެކްސްޕޯއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއް އެކްސްޕޯއަށް ވެގެންދާނެކަމަށެވެ. މި އެކްސްޕޯގެ ތެރެއިން އެކި ހުނަރުވެރިންގެ ހުނަރު ދައްކާލުމަށް މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއަހަރު ތެރޭގައި އަޅުގަނޑުމެން އެބަ ގަސްދުކުރަން ދިވެހިރާއްޖޭގެ ހުރިހައި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި އެކުގައި އެކްސްޕޯއެއް ބާއްވަން. ދިވެހިރާއްޖޭގައި މިސާލަކަށް އާރޓް އިންޑަސްޓްރީއާއި އުފެއްދުންތެރިކަމުގެ ހުރިހައި ބާވަތްތަކެއް ހިމެނޭގޮތައް އުފެއްދުންތެރިކަމުގެ އެކްސްޕޯއެއް. ރާއްޖޭގެ ސްކޭލްގައި ނޭޝަންވައިޑް ބާއްވަން." ވަޒީރު ވިދާޅުވިއެވެ.

މި އެކްސްޕޯ ބާއްވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ އިސްނެންގެވުމުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުންނެވެ. މި އެކްސްޕޯއަށް ބޭރުގެ އިންވެސްޓަރުން ގެނެސް ދިވެހި އުފެއްދުންތެރިންގެ ވިޔަފާރިތަކަށް އިންވެސްޓްމަންޓް ހޯދުމަށް މަގުފަހިވެގެންދާނެކަމަށް ބީސީސީން ބުނެއެވެ. އެކްސްޕޯ ބޭއްވުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ އުފެއްދުންތެރިންގެ ހުނަރު ދެނެގަނެ އެ ފަރާތްތަކުގެ ހުނަރުތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމެވެ.

މި އެކްސްޕޯ ބާއްވާނެ ތާރީޚާކާއި އެނޫންވެސް ކަންކަން ނިންމުމުގެ މަސައްކަތް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި ގުޅިގެން ބީސީސީއިން މިހާރު ދަނީ ކުރަމުންނެވެ.