ޚަބަރު

ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި 35000 ރުފިޔާއިން މަތީގެ ޙަރަދު ނުކުރަން އަންގައިފި


  • ކޮންމެހެން ކުރަންޖެހޭ ޙަރަދެއް ފިޔަވައި އެހެން ހަރަދުތައް ނުކުރުމަށް ވަނީ އަންގާފައި

  • ކައުންސިލްތަކުންވެސް އަމިއްލަ އާމްދަނީ ފައިސާއިން ހަރަދު ކުރުމަށް ވަނީ އެދިފައި

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ދައުލަތުގެ އެއްވެސް އިދާރާއަކުން 35،000 ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ކުރާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް އަންގައިފިއެވެ.

ސަރުކާރުގެ އިދާރާތަކަށް މިގޮތަށް އަންގާފައިވަނީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވައި ނެރުއްވި މާލިއްޔަތާބެހޭ ސާކިއުލާގައެވެ.

މި ސަރކިއުލާގައި ވަނީ، ފިނޭންސް މިނިސްޓްރީގެ ހުއްދައަކާއި ނުލައި ދައުލަތުގެ ބަޖެޓުން ހަރަދުކުރާގޮތަށް އެއްވެސް އައު މަގާމެއް ނުއުފެއްދުމާއި، ޕޭ ކޮމިޝަނުން ދިރާސާކުރުމަށްފަހު މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށް އެދިފައެވެ. މީގެއިތުރުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ މުވައްޒަފުންނަށް ޕްރޮމޯޝަން ނުދިނުމަށްވެސް ވަނީ އަންގާފައެވެ.

މީގެއިތުރުން ސަރުކާރުގެ ވުޒާރާތަކުގެ ދަތުރުގެ ޙަރަދުތަކާއި، އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާތަކެތި އަދި އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ޙަރަދާއި، ތަމްރީން ކުރުމަށް ކުރެވޭ ޙަރަދާއި، ކެޕިޓަލް އަދި ޕީއެސްއައިޕީއަށް ކުރާ ޙަރަދުތައްވެސް ކުޑަކުރުމަށް ވަނީ އަންގާފައެވެ.

ފިނޭންސްއިން ވަނީ މިހުރިހާ ކަންކަމަކަށް ކޮންމެހެން ކުރަންޖެހޭ ޙަރަދެއް ފިޔަވައި އެހެން ޙަރަދުތައް މަޑުޖައްސާލުމަށް ވަނީ އަންގާފައެވެ. އަދި 35،000 ރުފިޔާއަށްވުރެ ކުޑަ ޙަރަދުތައް ބަނޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސަރވިސަސް ފޯމު މެދުވެރިކޮށް ފައިނޭންސް އެގްޒެކްޓިވްގެ ހުއްދައާއިއެކު ކުރިއަށްގެންދިއުމަށްވެސް ވަނީ އަންގާފައެވެ. އަދި 35،000 ރުފިޔާއިން އިން މަތީގެ ޙަރަދުތައް ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެކަމަށް ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ހުރިހާ އިދާރާތަކަކުން މި ސަރކިއުލާއަށް އަމަލުކުރުމަށް އަންގާފައެވެ. އަދި ކައުންސިލްތަކުންވެސް ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދު ކުރުމަށާއި، ހަރަދުތައް ކައުންސިލުގެ ބަޖެޓުގެ ތެރެއިން ހަމަޖައްސައި، ހަރަދުތަކުގެ އެފިޝެންސީ އިތުރު ކުރުމަށް ސަމާލުކަން ދިނުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.