ކުޅިވަރު

ލާޒިއޯ ބަލިކޮށް، ޔުވެންޓަސް ލީގު ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި


ދިހަ ކުޅުންތެރިންނާއިއެކު މެޗު ނިންމާލި ލާޒިއޯ ބަލިކޮށް ވިދިވިދިގެން ފަސްވަނަ ފަހަރަށް ސެރީއޭ އުފުލާލުމުގެ ފުރުސަތު ޔުވެންޓަސް ބޮޑުކޮށްފިއެވެ. 

އިޓަލިއަން ސެރީއޭގައި ރޭ ލާޒިއޯއާއި ދެކޮޅަށް ކުޅުނު މެޗް ޔުވެންޓަސްކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. 

މެޗުގެ ފުރަތަމަ ހާފްގައި ޔުވެންޓަސްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ކްރޮއޭޝިއާގެ ފޯވާޑް މާރިއޯ މަންޒޫކިޗެވެ. ޔުވެންޓަސްގެ އަނެއް ދެ ލަނޑު ޖަހައިދިނީ ފޯވާޑް ޕައުލޯ ދީބަލާއެވެ. މި ދެލަނޑުގެ ތެރެއިން އެއް ގޯލަކީ ލިބުނު ޕެނަލްޓީއަކުން ދީބަލާ ޖެހި ގޯލެކެވެ. 

ރޭގެ މެޗުން މޮޅުވެ ތާވަލްގެ އެންމެ ކުރީގައި ނުވަ ޕޮއިންޓްގެ ލީޑެއް ޔުވެންޓަސްވަނީ ނަގާފައެވެ. ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު ލީގު ޔަގީންކުރަން އެޓީމަށް ބޭނުންވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓެވެ. 

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ރޯމާ ވަނީ ޓޮރީނޯގެ މައްޗަށް ތިނެއް ދޭކުން ކުރި ހޯދާފައެވެ. އޭސީ މިލާން ރޭ ޖެނޯއާއާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ އެކެއް ސުމަކުން ބަލިވެފައެވެ. ފިއޮރެންޓީނާވެސް ރޭ ކުޅުނު މެޗުންވަނީ ބަލިވެފައެވެ. އެޓީމް ބަލިވީ އުދިނޭސީ އަތުން ދޭއް އެކެއްގެ ނަތީޖާއަކުންނެވެ.