ޚަބަރު

ފުވައްމުލައް ސިޓީގައި އަންނަމަހު 2 މިސްކިތް ހުޅުވަނީ


  • 2 މިސްކިތް ހުޅުވަން ހަމަޖެހިފައިވަނީ މާޗް 7 ވަނަ ދުވަހު

  • ޖޫންމަހު ކީރިތި ޤުރްއާނާބެހޭ މަރުކަޒު ހުޅުވޭނެ

ފުވައްމުލައް ސިޓީގައި އަންނަމަހު 2 މިސްކިތް ސަރުކާރުން ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު ފުވައްމުލައް ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވަން ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ. ޝަހީމްގެ ވާހަކަފުޅުގައި ވަނީ އެ މަނިކުފާނު ވަޒީރުކަން އަދާކުރައްވާ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފުވައްމުލައް ސިޓީގައި އަންނަމާޗްމަހުގެ 7 ވަނަ ދުވަހު 2 މިސްކިތެއް ހުޅުވަން ހަމަޖެހިފައިވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
އަދި އަންނަ ޖޫން މަހުގެ ތެރޭގައި އެރަށުގައި ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒެއް ހުޅުވޭނެކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

"މިރަށުގައި ހުރި މަޝްރޫތައްވެސް އަޅުގަނޑު ވާނީ މިދިޔަ ހަފްތާގެ ތެރޭގައި ޓީމެއް ފޮނުވާގެން ބަލާފަ. ލަސްވެފަ ހުރީ ކޮން ކަންތައް ތަކެއްތޯ. އަވަހަށް ނިންމަންޖެހެނީ ކޮންކޮން ކަންކަން ތަކެއްތޯ. މިފެށޭ މާޗްމަހުގެ 7 ވަނަ ދުވަހުގައި 2 މިސްކިތް ހުޅުވިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އިސްލާމީ ވަޙުދަތު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާކަމަށެވެ. އަދި ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދިއުމަަށް ނިންމާފައިވާ ހުރިހާ މަސައްކަތެއްވެސް ފެށިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ފުވައްމުލައް ސިޓީ ކައުންސިލުން އެ ވުޒާރާގައި އެދިފައިވާ ހުރިހާ ކަމެއްވެސް، އެދުނު ގޮތަށް ފުރިހަމަ ކޮށްދެއްވާފައިވާކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު ގެންދަވަނީ ރައްޔިތުންގެ ލާބަ އާއި މަންފާޢަށް މަސައްކަތް ކުރައްވަމުންކަމަށާއި، އެހެންކަމުން ރައްޔިތުންވެސް އެމަނިކުފާނަށް އެއްބާރުލުން ދެއްވަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން ބައިބައި ކުރަން ދައްކާ ވާހަކަތަކަށް ބެލުމެއްނެތި، ތަރައްގީގެ މަގުގައި ރައްޔިތުން ކުރިއަށް ދާންޖެހޭކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.