ނިމިދިޔަ ސަރުކާރުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ކުރިއެރުވުމުގެ ބަދަލުގައި، އޮތީ ބޮޑެތި އިހުމާލުތަކެއް ވެފައިކަމަށް ސިއްހަތާއިބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ސިއްހާތާއިބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް މިހެން ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް، ބައެއް ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިއްހާތާއިބެހޭ ވަޒީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ 5 އަހަރުގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއެރުމުގެ ބަދަލުގައި، ސިއްހީ ނިޒާމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިކަމަށެވެ. އެގޮތުން ސިއްހީ ޚިދުމަތްދޭ ޢިމާރާތްތައް މަރާމާތު ނުކޮށް ދޫކޮށްލާފައިވާ ހުރުމުން، ގިނަ ތަންތަން ހުރީ ފުރާޅު ފޫވެއްޓި ނުވަތަ ސީލިންގ ވެއްޓޭ ހިސާބުގައިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިތުރުން ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގައި ހުރި މެޝިނަރީތައްވެސް ހުރީ ވީރާނާވާން ދޫކޮށްލާފައިކަން ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ. އެގޮތުން މެޝިނަރީޒް ހަލާކުވުމުން އެތަކެތިވެސް މަރާމާތު ކުރުމުގެ ބަދަލުގައި ހުރީ ނުހަދައި ދޫކޮށްލާފައި ކަމަށާއި، ސިއްހީ ޚިދުމަތްދޭ ބައެއް ތަންތަނުން އަސާސީ ބައެއް ބޭސްތައް ހުސްވެފައި ހުރުމުގެ އިތުރުން ބައެއް ޚިދުމަތްވެސް ހުރީ ހުއްޓިފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުން ފެށިގެންގޮސް އެންމެ ކުޑަ އާބާދީ އޮތް ރައްރަށުގެ ސިއްހީ ހާލަތުވެސް ކުރީ ސަރުކާރުގެ ދައުރު ނިމިގެން ދިޔައިރު އޮތީ ވަރަށް ދަށް ފެންވަރެއްގައިކަމަށެވެ. އަދި މިއީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ކަން ހިނގާގޮތްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ރައްޔިތުންނަށް ހެޔޮއެދޭ ވެރިޔަކު މިހާ ބޮޑު އަނދަވަޅަކަށް ސިއްހީ ނިޒާމު ވައްޓާނުލާނެކަމަށެވެ.