ޚަބަރު

ފުޖިއާން ޕްރޮވިންސުން ފެށި ދަތުރުތަކުން ސަގާފަތާއި ފަތުރުވެރިކަމަށް ފައިދާ ކުރާނެ: ފައިސަލް


  • ފުޖިއަން ސިޓީގެ ޝިއަމެއް އެއަރލައިންގެ ދަތުރުތައް މުޅިން އަލަށް ވަނީ ރާއްޖެއަށް ފަށާފައި

  • މިހާރު ޗައިނާއަކީ ރާއްޖެއަށް 1 ވަނައަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމު

ޗައިނާގެ ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަކީ ސަގާފަތާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ވަޒީރު އެހެން ވިދާޅުވީ ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ސަގާފަތާއި ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ބޭއްވި ޙަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ.

ފުޖިއާން ކަލްޗަރ އެންޑް ޓޫރިޒަމް ޕްރޮމޯޝަން އިވެންޓުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް ވިދާޅުވީ ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ދަތުރު ފެށުން ވެގެންދާނީ ހަމައެކަނި ރާއްޖޭގެ ފަތުރުވެރި ކަމަށް އިތުރުވާ ބޮޅަކަށް ނޫން ކަމަށެވެ. އެއީ 2 ޤައުމުގެ ދެމެދުގައި ސަގާފަތާއި ތާރީހު ގުޅުވައިދޭ ކަމަކަށްވެގެންދާނެ ކަމަށެވެ.

ރާއްޖެ މަޝްހޫރުވެފައި ވަނީ ދޮންވެލި ގޮނޑުދޮށްތަކާއި ސާފު ރީތި މޫދުތަކުގެ ސަބަބުން ކަމަށާއި ފުޖިއާން މަޝްހޫރުވެފައި ވަނީ ފަރުބަދަތަކާއި ސައިފަތް އުފެއްދުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެ ދަތުރުތަކާއެކު އެއްބަޔަކު އަނެއް ބައެއްގެ ކިބައިން ކަންކަން ދަސްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޒިން ވިދާޅުވީ ރާއްޖެއާއި ޗައިނާއަކީ އަބަދުވެސް އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިވެދޭ ގާތް ރަޙްމަތްތެރި ދެ ޤައުމު ކަމަށެވެ. އެއީ ޤައުމުގެ ކުޑަބޮޑުމިން ތަފާތުވި ނަމަވެސް ރަނގަޅު ގުޅުމެއް ދެމެހެއްޓޭނެކަމުގެ ލާމަސީލު މިސާލެއް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ފުޖިއާނަށް ވަޑައިގެން އެ ޕްރޮވިންސްގެ އިސްބޭފުޅުންނާއެކު ވަރަށް ކާމިޔާބު މަޝްވަރާތަކެއް ބޭއްވި ކަމަށާއި ޝިއަމެން އެއަރއިން ރާއްޖެއަށް މުޅިން އަލަށް ފެށި ދަތުރުތަކަކީ އެ ކަމުގެ ހެއްކެއް ކަމަށް ސަފީރު ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ސަބަބުން ޗައިނާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރަށް ބޮޑުވެގެން ދިޔަކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ޗައިނާގެ ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް ގުޅުން ބަދަހިކުރުމަށް ޚާއްޞަ ފޯރަމެއް ވެސް ވަނީ ބާއްވާފައެވެ.