ޚަބަރު

މާލޭގެ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ބަލަހައްޓާގޮތަށް ނިންމައިފި


  • މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވޭ

  • މިސްކިތްތައް މިހާރު ހަޑިކަމުން ގިނަ މީހުންގެ ޝަކުވާ ލިބޭ

މާލޭ ސަރަޙައްދުގެ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ ކަންކަން ސީދާ ކައުންސިލުން ކުރިއަށް ގެންދަން ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި އިދާރީ ގޮތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވީ މިހާރު ކައުންސިލުގެ ބޭރުން އެހެން ކުންފުނިތަކާ މީހުންނަށް ޙަވާލުކޮށްގެން ކުރާ މަސައްކަތްތަކުގެ ނަތީޖާ ވަރަށް ދަށް ކަމަށެވެ.

އޭގެ ތެރެއިން މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް އޭގެ އެންމެ އެދެވޭ ނަތީޖާ ނުފެންނަކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކައުންސިލުގެ އާންމު ޖަލްސާގައި މިއަދު ފާސްކުރީ ކުރިން ކުންފުނިތަކާ ހަވާލުކޮށްގެން ކުރަމުން އައި އެ މަސައްކަތް ސިޓީ ކައުންސިލުން ކުރާ ގޮތަށް ބަދަލުކުރާށެވެ.

މި ޖަލްސާގައި ވާހަކަދައްކަމުން މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ކައުންސިލުން އެ މަސައްކަތް ކުރިޔަސް ވަކި އިތުރު ޚަރަދެއް ނުހިނގާ ކަމަށެވެ. މޭޔަރ ވިދާޅުވީ، މިހާރު ކުންފުނިތަކުން އެ މަސައްކަތް ކުރަނީ މަހަކު 2.2 މިލިއަނަށެވެ. ކައުންސިލުން އެ މަސައްކަތްކުރާއިރުވެސް ޚަރަދު ވާނީ 2.1 މިލިއަން ރުފިޔާކަމަށް އާޒިމް ވިދާޅުވިއެވެ.

"ދެ ގޮތަކަށް އަޅުގަނޑުމެން ބަލާލައިފައިވާނެ. އެެއީ މިހާރު ކުރަމުންދާ ޚަރަދުތަކާއި އަމިއްލައަށް މުވައްޒަފުން ނަގައިގެން ހިނގާ ޚަރަދުތަކަށް. ގާތްގަނޑަކަށް އެއްކަހަލަ އަދަދުތަކެއް ހުރީ. އެހެންވީމައި އަޅުގަނޑު ހުށައަޅަނީ ކައުންސިލުން މީހުން ނަގައިގެން މަސައްކަތް ކުރުމަށް" އާޒިމް ވިދާޅުވިއެެވެ.

އާޒިމް ވިދާޅުވީ ކައުންސިލުން ނަގާ މުވައްޒަފުން ސިވިލް މުވައްޒަފުންނަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ

މި ޖަލްސާގައި ވާހަކަދައްކަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ، މިހާރު މިސްކިތްތައް ސާފުކުރުމުގެ ކަންކަން ކުރަނީ ކޮންމެ 5 ނުވަތަ 6 މިސްކިތެއް އެއްކޮށްލައިގެން ބަޔަކާ ޙަވާލުކޮށްގެން ކަމަށެވެ. މިހެން މަސައްކަތް ކުރާއިރު މިސްކިތްތަކުގެ ފާޚާނާތައް ސާފުތާހިރުކަން ކުޑަކަމުން މީހުން ޝަކުވާ ކުރާކަމަށެވެ.

މީގެ އިތުރުން ކުންފުނިތަކާއި ހަވާލުކޮށްގެން ކުރިއަތް ގެންދާއިރު އެ ކުންފުނިން ކަނޑައަޅާފައި ތިބީ ބަރާބަރަށް މޮނިޓާކޮށް ބެލަހައްޓާ ދުވަހުން ދުވަހަށް ޖަވާބުދާރީވެ، ރިޕޯޓުކުރާ މުވައްޒަފުންތަކެއް ނޫންކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ކުންފުނިތަކާއި އެ މަސައްކަތް ހަވާލު ކުރަން ޖެހުނީ ސިވިލް މުވައްޒަފުން ނެގުމުގައި ކުރީގެ ސަރުކާރުގައި ސިވިލް ސަރވިސް ކޮމިޝަނުން ކުރިމަތިކުރި ދަތިތަކުގެ ސަބަބުންކަމަށެވެ.