ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.
މިއީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކާއި މަގުމަތި ތޮއްޖެހުމުގެ ސަބަބުން އާންމުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ ބޭނުމުގައި އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
އުޅަނދުގެ ވެރިފަރާތުން ވޮލެންޓިއަރކޮށް އުޅަނދު ނައްތާލުމުގެ ފުރުސަތު ދިނުމުގެ މަޤްސަދަކީ މާލެ އަދި ހުޅުމާލެގެ މަގުތަކުގައި ގިނަ ދުވަހު ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކުގެ ސަބަބުން މަގުމަތި ފުރި 4 ލޭނުގެ މަގުތައް 2 ލޭނަށް ކުޑަވަމުން ދިއުމުގެ ސަބަބުން މަގުމަތި ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ އުނދަގޫތަކަށް އަވަސްހައްލެއް ހޯދުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ އުޅަނދުގެ ވެރިފަރާތުން އުޅަނދު ނައްތާލަން ބޭނުންވާނަމަ އެ ފުރުސަތު މިހާރު ލިބިފައިނުވާ ފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި، ދިވެހި ފުލުހުންގެ ހިދުމަތާއި ވެމްކޯއާއި ގުޅިގެން ޕްރޮގްރާމެއް ހިންގާނެކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ހުޅުވާލެވޭ ފުރުސަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރުމަށްފަހު transport.gov.mv@1511 އަށް އީމެއިލް ކުރެވޭނެކަމަށާއި އަދި މިނިސްޓްރީގެ ރިސެޕްޝަނުން ފޯމު ލިބޭނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 15 ފެބްރުއަރީން މާރޗް 3 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުއްދަތުގައި ލިބޭ އެޕްލިކޭޝަންތަކާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވެރިފަރާތްތަކާއި ގުޅައި އެ ފަރާތުން ފޯރުކޮށްދޭ މައުލޫމާތު ސައްހަކަން ކަށަވަރު ކުރާނެއެވެ. އަދި މައުލޫމާތު ސާފުކުރުމަށްފަހު ވެހިކަލް ނައްތާލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު އެ މިނިސްޓްރީގެ ނަންބަރ 1511 އަށް ގުޅައިގެން ލިބޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.