ކޯސްޓްލައިން ހާރޑްވެއަރގައި އިއްޔެ ހިނގި އަލިފާނުގެ ޙާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް، ލިބުނު ގެއްލުމުގެ ކުޑަ ބޮޑު މިނަށް ބައްލަވައި ސަރުކާރުން ފައިސާގެ އެހީ ދެއްވާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. މިޙާދިސާގައި އަލިފާނުގެ އަސަރުކޮށް ގެއްލުން ލިބުނު 136 ފަރާތަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ގެންދަވަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.
ކޯސްޓްލައިން ހާރޑްވެއަރގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ސަތޭކަ ތިރީސް ހަ މީހަކަށް މިވަގުތު މާލޭގެ ގެސްޓް ހައުސްތަކުން ވަގުތީ ހިޔާވަހިކަން ދެއްވަމުން ގެންދަވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކުރައްވައެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ގެސްޓު ހައުސްއިން ހިޔާވަހިކަން ފޯރުކޮށްދެއްވާފައިވާ މީހުންގެ ތެރޭގައި 30 ކުޑަކުދިންނާއި، ފަސްދޮޅޮސް ފަސް އަހަރުން މަތީގެ 3 މީހުން ހިމެނެއެވެ. ކުޑަކުދިންގެ ތެރޭގައި 21 ސްކޫލް ކުދިން ހިމެނެއެވެ. އަދި މާބަނޑު ދެމީހުން ހިމެނެއެވެ.
މިޙާދިސާގައި ލިބުނު ގެއްލުންތައް ދިރާސާކުރެއްވުމުގެ ގޮތުން ދެ އެސެސްމަންޓެއް މިވަގުތު ހައްދަވަމުން ގެންދަވާ ކަމަށާއި އޭގެތެރޭގައި ޢުމްރާނީ ގޮތުން ޢާންމު ފަރާތްތަކަށް ލިބުނު ގެއްލުންތަކާއި، ގެތަކުގައި ހުރި ހިފާ ގެންގުޅޭ މުދަލަށް ލިބުނު ގެއްލުންތައް ބައްލަވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ވެރިޔާ، ޑިފެންސް މިނިސްޓަރުގެ ނާއިބް ފާތިމަތު ތަސްނީމް ވިދާޅުވީ، ޙާދިސާގައި ގެއްލުންވި 136 ފަރާތްތަށް ބޭނުންވާ ކާބޯތަކެއްޗާއި، އަންނައުނު ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުން ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. ތަސްނީމް ވިދާޅުވީ، ގެސްޓް ހައުސްތަކުގައި މީހުން ބައިތިއްބަނީ ގެސްޓްހައުސްގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
އަލިފާނުގެ ޙާދިސާގައި ވަގުތުން ވަގުތަށް ރައްކާތެރިކަން ދެއްވަން ޖެހިވަޑައިގެންނެވި މީހުންނަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ޙާދިސާ ހިނގުމާއި އެކުހެން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވަން ފަށްޓަވާފައެވެ. އަދި އެމީހުން ޢާންމު ޙާލަތަކަށް ގެންނެވެންދެން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއެވެ.