ޚަބަރު

ކުރިއަށް އޮތް ދިރާސީ އަހަރު ހުރިހާ ސްކޫލެއްގައި ޤައުމިއްޔަތު މާއްދާ ކިޔަވައިދޭނެ: ރައީސް


  • 11 ސްކޫލެއްގައި މިހާރުވެސް ދަނީ މި މާއްދާ ކިޔަވައިދެއްވަމުން

ކުރިއަށް އޮތް ދިރާސީ އާ އަހަރު ދިވެހި ގައުމިއްޔަތު މާއްދާ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދެއްވާން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ލ.މާވަށު ސްކޫލްގެ ޕްރިންސިޕަލް ޒުލައިޚާ ރަފީއު ކުރެއްވި ސުވާލަށް ޖަވާބް ދެއްވަމުންނެވެ.

ލ.މާވަށު ސްކޫލްގެ ޕްރިންސިޕަލް ޒުލައިޚާ ރައީސްއަށް ސުވާލު ދެންނެވީ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން ލ. އަތޮޅުގެ ސްކޫލްތަކުގައި އެ މާއްދާ ކިޔަވައިދެއްވަން ފައްޓަވާނެ ތާރީހަކާއި ގުޅޭގޮތުންނެވެ.

ޒުލައިޚާގެ ސުވާލަށް ޖަވާބްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ގައުމިއްޔަތު މާއްދާގައި ބައެއް ސްކޫލްތަކުގައި ކިޔަވައިދެއްވަމުން ގެންދަވަނީ ޕައިލެޓް ޕްރޮޖެކްޓް ފޭސް ތަކެއްގެ ގޮތުގައިކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން، ދެން ފެށޭ ދިރާސީ އަހަރު ގައުމިއްޔަތު މާއްދާ ހުރިހާ ސްކޫލެއްގައި ކިޔަވައިދެއްވަން ފައްޓަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިހާރު ގައުމިއްޔަތު މާއްދާގައި އެހިނގަނީ ހަމައެކަނި ޕައިލެޓް ޕްރޮޖެކްޓްސް ފޭސް. 11 ސްކޫލެއް އެޑިއުކޭޝަން މިނިސްޓްރީން ހިޔާރު ކުރައްވައިގެން ޕައިލެޓް ކުރެއްވުމުގެ މަސައްކަތްތަކެއް ހިނގަނީ. ދެން މިހުރިހާ ކަމެއް ނިމުނީމަ އިރާދަކުރެއްވީޔާ ދެންފެށޭ ދިރާސީ އަހަރު ގައުމިއްޔަތު މާއްދާ ރޯލްއައުޓް ކުރެވިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމިއްޔަތު މާއްދާއަކީ ކުޑަކުދިންގެ ހިތްތަކުގައި ޤައުމާއި ދިވެހި ސަޤާފަތަށް ލޯބި ޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދުގެ ރިޔާސީ ވައުދުގެ ދަށުން ކިޔަވައިދެއްވަން ނިންމަވާފައިވާ މާއްދާއެކެވެ. ރަސްމީކޮށް މި މާއްދާ ކިޔަވައިދެއްވުމުގެ ކުރިން އަޖުމަ ބެލުމަށް ރާއްޖޭގެ 11 ސްކޫލެއްގެ ގްރޭޑް 4 ގެ ދަރިވަރުންނަށް ޕައިލެޓް ޕްރޮގްރާމެއް ވަނީ ފައްޓަވާފައެވެ.

ތައުލީމީ މަންހަޖުގައި ޤައުމިއްޔަތު މާއްދާ އެކި ކީސްޓޭޖަށް ބަހާލެވިފައި ވީނަމަވެސް ހުރިހާ މާއްދާތަކުގައި އަދި ގްރޭޑްތަކުގައިވެސް ޤައުމިއްޔަތުގެ ބަހާތައް ހިމަނާފައިވާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

މި މަސައްކަތުގެ ބޭނުމަކީ ޤައުމީ ޝުޢޫރު ދަރިންގެ ހިތްތަކުގައި އާލާކޮށް، ދިވެހިވަންތަކަންހުރި ދިވެޤައުމުދެކެ ލޯބިވާ އަދި ޤައުމާމެދު ވިސްނައި ފަޚުރުވެރިވާ ދަރިވަރުން އުފެއްދުމެވެ.