ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭސްގެ މަގާމަށް އަބްދުއްރަހްމާން މުބާރިކް އައްޔަންކުރައްވައިފިއެވެ.
ގައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭސްގެ މަގާމަށް އަބްދުއްރަހްމާން މުބާރިކް އައްޔަންކުރެއްވީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އަބްދުއްރަޙްމާން މުބާރިކް ޔުނިވަރސިޓީއާ ގުޅިވަޑައިގެންނެވީ 2003 ވަނަ އަހަރު އެސިސްޓަންޓް ލެކްޗަރަރގެ މަޤާމަށެވެ. އެއަށްފަހު އެސޯސިއޭޓް ލެކްޗަރަރ އަދި ލެކްޗަރަރގެ މަޤާމް އަދާކުރައްވައި، ހެޑް އޮފް ޑިޕާޓްމަންޓްގެ ޒިންމާވެސް އަދާކުރައްވާފައިވެއެވެ. އަދި 27 އެޕްރީލް 2018 އިން ފެށިގެން މިހާތަނަށް އަބްދުއްރަހްމާން މުބާރިކް ހުންނެވީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ޑީންގެ މަޤާމުގައެވެ.
އަބްދުއްރަޙްމާން މުބާރިކަކީ ޔުނިވަރސިޓީގެ ކައުންސިލާއި އެކި ކޮމިޓީތަކުގައި ބައިވެރިވެވަޑައިގެން އަގުހުރި މަސައްކަތްތަކެއްކޮށްދެއްވާ، ޔުނިވަރިސިޓީގެ އެކަޑަމިކް މުވައްޒަފުން އަދި ބިޒްނަސް ސްކޫލް ތަމްޞީލުކުރުމުގެ ގޮތުން އެތައް މަސައްކަތްތަކެއް ކޮށްދެއްވާފައިވާ އަދި ކުރަމުންދާ ބޭފުޅެކެވެ. އަދި ޚާއްސަކޮށް، މުބާރިކް ފާހަގަކުރެވެނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސައްކަތްތައް ކުރުމަށް ސަމާލުކަން ދެއްވާ ބޭފުޅެއް ކަމަށް ގައުމީ ޔުނިވަރސިޓީން ފާހަގަކުރެއެވެ.
މި ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މިމަގާމަށް އައްޔަން ކުރެވިގެން ދިޔައީ މަސައްކަތަށް ގާބިލް ބޭފުޅެއްކަމަށެވެ. އަދި އަބްދުއްރަޙްމާން މުބާރިކަކީ އެކި ގޮތްގޮތުން ޔުނިވަރސިޓީއަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އަދި އޭނާއަކީ ޔުނިވަރސިޓީގެ ކަންކަން ޑިޖިޓަލައިޒް ކުރެއްވުމަށް އަމިއްލައަށް އިސްނަންގަވައިގެން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ޝެހެނާޒް ވިދާޅުވިއެވެ.
" އަޅުގަނޑުމެން ގަބޫލްކުރަނީ އަދި ޔަގީން ކުރަނީ ޔުނިވަރސިޓީގެ ތަސައްވުރާއެކު މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީއަށް ހެދުމަށް އަބްދުއްރައްމާން މުބާރިކްގެ ޓީމްގެ ހިއްސާ ބޮޑުވާނެކަމަށް" ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވިއެވެ.
ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް ވާހަކައިގައިވަނީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ މިއަށްވުރެ އުސް ހަރުފަތަކަށް ގެންދިޔުމަށް މިހާރަށް ވުރެއްވެސް ގިނަ މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.