ރާއްޖޭގައި މިހާރު ހުރި އެއަރޕޯޓްތަކުގެ ހާލަތު ބަޔާންކުރާ ރިޕޯޓެއް މިމަހުގެ ތެރޭގައި އިކޮނޮމިކް ކައުންސިލަށް ހުށައަޅުއްވާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މިވަގުތު ހުރި ގިނަ އެއަރޕޯޓްތަކަކީ އެންމެ އެކަށީގެންވާ ވަސީލަތްތައް ޤާއިމްވެފައި ނެތް އެއަރޕޯޓްތަކެކެވެ.
މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އެއަރޕޯޓްތައް އެޅުމުގެ މަސައްކަތް ފަށާފައި ނުނިމި އެބަހުރިކަމަށެވެ. އަދި މަސައްކަތް ނުފެށުނު ނަމަވެސް އެއަރޕޯޓް އަޅާނެކަމަށް އިއުލާންކޮށްފައި ހުރި ރަށްރަށްވެސް އެބަހުރިކަމަށެވެ.
ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށްދާ އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓި ކުރިއަށް ގެންދިއުންކަމަށެވެ. އަދި މިސަރުކާރުންވެސް އިތުރު އެއަރޕޯޓްތަކުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
" އަޅުގަނޑު ހަނދާންވާ ގޮތުގައި ރައީސް މުއިއްޒުގެވެސް ވައުދުފުޅެއް އެބައޮތް 6 އެއަރޕޯޓެއް އިތުރަށް ބިނާކުރުމުގެ. އެވެސް ޕްލޭނިން މިނިސްޓްރީގެ ތެރޭގައި ޕްލޭނިން މަސައްކަތް އެބަ ކުރިއަށްދޭ. ވަރަށް އަވަހަށް އެއަރޕޯޓްތައް ހެދުމުގެ ތާވަލެއް އިއުލާން ކުރެވިގެންދާނެ." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، މިހާރު ހުރި ވަރަށް ގިނަ އެއަރޕޯޓްތަކުގައި ވަރަށް ގިނަ މައްސަލަތައް އެބަހުރިކަމަށެވެ. އެހެންކަމުން މި މައްސަލަތައް ބަލައި ހައްލުކުރުމަށް އެސެސްމަންޓެއް ހަދަމުންދާކަމަށެވެ.
"އަޅުގަނޑު މިހާރު އެބަ މަސައްކަތެއް ކުރަން ރާއްޖޭގައި ހުރި ހުރިހާ އެއަރޕޯޓްތަކެއްގެ ހާލަތުގެ އެސެސްމަންޓެއް ހެދުމުގެ މަސައްކަތްވެސް. އެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑު މި އުންމީދުކުރަނީ ކުރިއަށްއޮތް 2 ހަފްތާއެއްގެ ތެރޭގައި މިހާރު ހުރި ހާލަތު ބަޔާންކޮށްދޭ ޕޭޕަރެއް އިކޮނޮމިކް ކައުންސިލަށް ހުށައެޅުމަށްޓަކައި. އެ މަސައްކަތްވެސް ކުރިއަށް އެބަދޭ." އަމީން ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 17 އެއަރޕޯޓް މިހާރު އަންނަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 4 އިންޓަރނޭޝަނަލް އެއަރޕޯޓް ހިމެނެއެވެ. އަދި ރީޖަނަލް އެއަޕޯޓްސްއިން 7 އެއަރޕޯޓެއް އޮޕަރޭޓް ކުރަމުން ގެންދެއެވެ.
މި ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ނިންމާ އެކަމަށް ކުރަންޖެހޭ މަސައްކަތްވެސް ފައްޓަވާފައެވެ. މިއީ ސިއްހީ ބޭނުންތަކާއި އެނޫންވެސް އިމަރޖެންސީ ހާލަތްތަކުގައި ފަސޭހައިން ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ތައާރަފްކުރާ ޚިދުމަތެކެވެ.