ޚަބަރު

މަޖިލިސް އިންތިޚާބުގައި ރީ-ރަޖިސްޓްރީވުމަށް 1257 މީހުން ހުށައަޅައިފި


  • މިމަހުގެ 7 ވަނަ ދުވަހުގެ ކުރިން ރީ-ރަޖިސްޓްރީވުމަށް ހުށައެޅޭނެ

  • މިހާތަނަށް 1060 މީހަކު ވަނީ ރީ-ރަޖިސްޓްރީ ކޮށްދީފައި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 7ވަނަ ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށެވެ.

ހަބީބު ވިދާޅުވީ، މިހާތަނަށް 1257 މީހަކު ރީ-ރަޖިސްޓްރީވުމަށް ހުށައަޅާފައިވާކަމަށާއި، މީގެތެރެއިން 1060 މީހުން ރީ-ރަޖިސްޓްރީ ކޮށްދީފައިވާކަމަށެވެ. އަދި އެކި ސަބަބުތަކާ ހެދި 197 ހުށަހެޅުމެއް ބަލައިނުގަންނަ ކަމަށްވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.

ރީ-ރަޖިސްޓްރޭޝަންގެ މަރުޙަލާ މިފަހަރު ކުރިއަށްދާނީ އޮންލައިންކޮށެވެ. އަދި އީ-ފާސް ބޭނުންކޮށްގެންވެސް ރީ-ރަޖިސްޓަރވެވޭނެއެވެ. އޮންލައިންކޮށް ފޯމު ހުށަހަޅަން ދަތިވާ ފަރާތްތަކުން އިންތިޚާބާ ބެހޭ މައި މަރުކަޒަށް ދިއުމުން އެފަރާތްތަކަށް އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

ރިސޯޓުތަކާއި، ޖަލުތަކާއި ސިނާޢީ މަސައްކަތްކުރާ ތަންތަނަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް ފިޔަވައި، އެހެން މީހުން ރަޖިސްޓްރީވެފައި އޮންނާނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައި އޮތްތަނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

ރީ-ރަޖިސްޓްރީ ކުރަަން ހުށަހެޅުމުގެ ކުރިން، މިހާރު ރަޖިސްޓްރީ ވެފައިވާ ތަން ޗެކްކުރުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ އެދިވަޑައިގެންފައެވެ. ރަޖިސްޓްރީވެފައިވާ ތަން، 1414އަށް އެސްއެމްއެސް ކޮށްގެން ބެލޭނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނައަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރީ-ރަޖިސްޓަރީ ކޮށްފައިވަނީ 20848 މީހުންނެވެ.