ޚަބަރު

ނުދައްކާ ހުރި ބިލްތައް %50 އަށް ކުޑަކުރެވިއްޖެ: ވަޒީރު ސައީދު


  • އިޤްތިސާދު މެނޭޖްކުރުމަށް ނަގާނެ ފިޔަވަޅުތައް ވޯލްޑް ބޭންކާ ހިއްސާކުރި

  • މާލީ އެހެން އިދާރާތަކާއެކުވެސް އިޤްތިސާދު ފުޅާކުރުމަށް މަޝްވަރާކުރާނެ

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު 7 ބިލިއަން ރުފިޔާގެ ނުދައްކާ ހުރި ބިލްތަކުގެ %50 މިހާރު ދައްކާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ވޯލްޑް ބޭންކުގެ ޓީމާ ބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުގައެވެ.

ވަޒީރު ސައީދު ވިދާޅުވީ، ވޯލްޑް ބޭންކްގެ ޓީމުން ރާއްޖެއަށް މިހާރު ކުރަމުންދާ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރިއަށް ރޭވިފައި ހުރި ކަންކަމާ ގުޅޭ މައުލޫމާތާއި އަދި ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމަށް ނަގާނެ ފިޔަވަޅުތައް ދެނެގަތުންކަމަށެވެ. މިކަންކަމާ ބެހޭގޮތުން ވަރަށް ފުންކޮށް ވާހަކަ ދެކެވުނު ކަމަށް ސައީދު ވިދާޅުވިއެވެ.

އަދި މިސަރުކާރުން ކުރަން ރާވާފައިވާ ބައެއް ކަންކަން ވޯލްޑް ބޭންކްގެ ޓީމަށް ހިއްސާކުރެއްވުމުގެ އިތުރުން ރާއްޖޭގެ މިވަގުތުގެ މާލީ ހާލަތާއި ރާއްޖޭގެ އިޤްތިޞާދު މިއަހަރަށް އަންދާޒާ ކުރެވިފައިވާ މިންވަރާގުޅޭ މަޢުލޫމާތުވެސް ހިއްސާކުރައްވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

"ފައިނޭންޝިއަލް ހާލަތު އަޅުގަނޑުމެންނަށް ސަރުކާރު ލިބުނުއިރުގައި ގާތްގަނޑަކަށް 7 ބިލިއަން ރުފިޔާގެ ނުދައްކާ ހުރި ބިލްތައްވެސް ހުރި. އެއަދަދުވެސް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ %50 އަށް ދަށްކުރެވިފައި އެހުރީ. ދެން އަދިވެސް އެތައް ބައިވަރު ބިލްތަކެއް ހުރީ ނުދައްކާ. އެކަންތައްތައްވެސް އަޅުގަނޑުމެން އެޓެންޑް ވެގެން ކުރިއަށް މިދަނީ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ވޯލްޑް ބޭންކްގެ އިތުރުންވެސް ދުނިޔޭގެ މާލީ އެހެން އިދާރާތަކާއި، އެހެން ޤައުމުތަކާއެކު ރާއްޖޭގެ މިވަގުތުގެ ހާލަތާއި އަދި އިޤްތިޞާދު ފުޅާކުރުމަށްޓަކައި ވިސްނާ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދޭނެކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤްތިސާދު ފަހިވެގެންދާނެ ކަމެއްގެ ގޮތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.