ޚަބަރު

ތެލަސީމިއާއަށް ހޭލުންތެރިކުރުމަށް ޤައުމީ ކެމްޕެއިނެއް ފަށައިފި


  • ތެލަސީމިއާ ހުންނަ ކުދިން އުފަންވާ ނިސްބަތް މަދުކުރުމަކީ ސަރުކާރުގެ އަމާޒު

  • ސްކޫލްތަކުގެ ކުދިންވެސް ސްކްރީންކުރާނެ

ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭނެއް ސަރުކާރުން މިއަދު ފައްޓަވައިފިއެވެ.

ސިއްހަތާބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވީ ސިއްހަތާބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލްއެވެ.

ތެލަސީމިއާއަށް ހޭލުންތެރި ކުރުމަށް ސަރުކާރުން މިއަދު ފެއްޓެވި ޤައުމީ ކެމްޕޭނާއި ގުޅޭގޮތުން ސިއްހަތާބެހޭ ވުޒާރާއިން ވިދާޅުވީ ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިންގެ މަޤްޞަދަކީ، ތެލެސީމިއާ ހުންނަ ކުދިން އުފަންވާ ނިސްބަތް ދަށްކުރުންކަމަށެވެ. މީގެ އިތުރުން މި ކެމްޕެއިންގެ ތެރެއިން ތެލަސީމިއާބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމުގެ ދަށުން ތެލަސީމިއާއާބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެކަމަށްވެސް ސިއްހަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްހަތާބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ފެށިގެން ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިނާއެކު މުޅި ރާއްޖެއަށް އެކަމުގެ ފައިދާކުރާނެކަމަށެވެ.

ވަޒީރުގެ ވާހަކައިގައި ވަނީ ރާއްޖޭގައި ތެލަސީމީއާ ހޮސްޕިޓަލް އެޅުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންކަންވެސް ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި ތެލަސީމިއާ ކޮންޓްރޯލްކުރުމާއި ގުޅޭގޮތުންވެސް މަސައްކަތްތަކެއް ކުރެވެމުންދާކަންވެސް ވަޒީރު ވިދާޅުވިއެވެ.

" އެހެންވީމައި ދުނިޔޭގެ ބައެއް ގައުމުތަކުގައި މިސާލަކަށް ނޭޕާލް ކަހަލަ ގައުމުތަކުގައި މިކަން ކޮންޓްރޯލްކޮށްފައި އޮތް ގޮތް ނުވަތަ ތެލްސީމިއާ ބަލީގެ އާބާދީ ކުޑަކުރެވޭ ނިސްބަތް މި ކުޑަކުރެވެނީ ކިހިނެތްތޯ ދިރާސާކޮށް ދަސްކުރަން އެބަޖެހޭ" ހަލީލް ވިދާޅުވިއެވެ.

ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގެ ދަށުން ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި އޮފީސްތަކަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދާނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ސުކޫލުތަކުގެ ގްރޭޑް 10ގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިން ތެލަސީމިއާއަށް ހޭލުންތެރިކުރުމާއި ދަރިވަރުން ތެލަސީމިއާއަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.