ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް ޓެކްސްއަށް ކެނޑުމަށްފަހު މިދިޔަ އަހަރު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 91 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާ އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކާގޮތުން 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވާ ޖުމްލަ އަދަދަކީ 16 ބިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރު ޖުމްލަ އާމްދަނީއަކީ 18 ބިލިއަން ރުފިޔާއެވެ. މިއީ %10 ދަށްވުމެކެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމުން ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
ޖުމްލަ އާމްދަނީ ދަށްވި ނަމަވެސް ހިންގުމުގެ ފައިދާއާއި ޓެކްސްއަށް ކެނޑުމުގެ ކުރިން އަދި ޓެކްސްއަށް ކެނޑުމަށްފަހު ލިބުނު ސާފު ފައިދާ އިތުރުވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައެވެ. 2023 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރު މި އަދަދު އުޅުނީ 1.0 ބިލިއަނުގައެވެ.
އެސްޓީއޯގެ މާލީ ރިޕޯޓުން ދައްކާގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާގެ އަދަދަކީ 994 މިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރު މި އަދަދު އުޅުނީ 864 މިލިއަނުގައެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 819 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 2022 ވަނަ އަހަރު ލިބިފައިވަނީ 728 މިލިއަން ރުފިޔާކަމަށް މާލީ ހިސާބުތަކުން ދައްކައެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ޖުމްލަ ފައިދާ އިތުރުވީ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަނގަޅުވުމުން ކަމަށެވެ.
އެސްޓީއޯއިން ބުނީ ކުންފުނީގެ މައިގަނޑު ވިޔަފާރިތަކަށް އިސްކަންދީގެން ކުންފުނި ހަރުދަނާ ކުރުމުގެ އެކިއެކި މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި ކުންފުނީގެ ބެލެންސްޝީޓް ރީސްޓްރަކްޗާރ މަސައްކަތުގެ ތެރެއިން ކުންފުނީގެ އެސެޓްތަކުގެ އަގުމަގު ކުރުމާއި، ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކާއެކު ތެލުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމުގެ ގޮތުންނާއި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ވިކުނު ތެލުގެ އަދަދަށް ރިބޭޓްތައް ފޯރުކޮށްދީފައިވާ ކަމަށް ވަނީ ބުނެފައެވެ.