ޚަބަރު

ބޭސްފަރުވާއަށް ދިއުމަށް މިމަހުގެ މިހާތަނަށް އެކަނިވެސް 1922 ޓިކެޓު ދޫކުރި: ހީނާ


  • މިހާރު ބޭސްފަރުވާއަށް ދެވެނީ އިންޑިއާ އާއި ލަންކާއަށް

  • އެހެން ޤައުމުތަކަށް އާސަންދަ ފުޅާކުރަން ވަނީ ފަށާފައި

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް މިމަހުގެ މިހާތަނަށް އެކަނިވެސް 1900އަށްވުރެ ގިނަ ޓިކެޓު ނަގައިދީފައިވާކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ވިދާޅުވެއްޖެއެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް އެހީވަނީ ރައީސްގެ އެންގެވުމަށް އާސަންދައާއި އެންސްޕާގެ ތެރެއިން އަބަދުވެސް އެއް އިދާރާއިންކަމަށް ބުނެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރަކާއި ގުޅިގެން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ އެކަން ދިގުކުރައްވާފައެވެ. ހީނާ ވިދާޅުވީ، ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް އެ އޮންނަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައިދެނީ އެންސްޕާ އަދި އާސަންދައިގެ ތެރެއިންކަމަށެވެ. އަދި ބޭސްފަރުވާއަށް މީހުން ފޮނުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވާ ވަކި އުސޫލެއް ނޯންނަކަމަށްވެސް ހީނާ ވިދާޅުވިއެވެ.

އެންސްޕާގެ ސީއީއޯ ވިދާޅުވީ، ހިނގަމުން މިދާ ޖެނުއަރީ މަހުގެ 1 އިން 25 އަށް ބޭސްފަރުވާއަށް ދިއުމަށް 1922 ޓިކެޓް ދޫކޮށްފައިވާކަމަށެވެ. މީގެތެރެއިން %97.2 އަކީ ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށް ދޫކޮށްފައިވާ ޓިކެޓްކަމަށްވެސް ހީނާ ވަލީދު ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ބޭސްފަރުވާ އެއް ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ޤައުމުތަކަށް ފުޅާކުރެއްވުމަށްވެސް މަސައްކަތްކުރައްވަމުންނެވެ. އެގޮތުން އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ތައިލެންޑާއި ޔޫއޭއީއަށް ބަލިމީހުން ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް މިވަގުތު ފޮނުވަމުންދަނީ އިންޑިއާ އާއި ސްރީލަންކާއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ތައިލެންޑާއި، ޔޫއޭއީފަދަ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ޤައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށެވެ. އަދި އާސަންދައިގެ ދަށުން ހުރުމުގެ ޚަރަދުވެސް ސަރުކާރުން ހަމަޖައްސަވާދެއްވާނެ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

އާސަންދައިގެ ދަށުން އިތުރު ޤައުމުތަކުން ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖައްސަމުންދާއިރު، އާސަންދައިގެ ޚިދުމަތް ފުޅާކޮށް މީގެކުރިން ނުކުރެވޭ ގިނަ ފަރުވާތަކެއް އަސަންދައިން ކުރެވޭނެ އިންތިޒާމް ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ.