މޯލްޑިވިއަން އައިޑަލްގެ ގަދަ 5 ބައިވެރިންގެ ވާދަވެރި ހުށައެޅުންތަކާއެކު، ގާލާ ރައުންޑުގެ 8 ވަނަ ޝޯވ މިރޭ ޓީ.ވީ.އެމުން ދައްކާނެއެވެ.
ގާލާ ރައުންޑުގެ 7 ވަނަ ޝޯވ ދެއްކުމަށް ހަމަޖެހިފައި ވަނީ މިރޭ 22:30 ގައެވެ. ގަދަ 12 ބައިވެރިންނާއެކު ފެށުނު މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑު މިހާތަނަށް އައިއިރު، މީގެ ތެރެއިން 7 ބައިވެރިޔަކު ވަނީ މި މުބާރާތުން ވަކިވެފައެވެ.
ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 8 ވަނަ ޝޯވ މިރޭ ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ޝޯވގައި ގާލާ ރައުންޑުގެ ގަދަ 5 ގައި މިހާރު ވާދަކުރާ ބައިވެރިންގެ ވަކިވަކި ހުށައެޅުންތައް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. އަދި މިރޭވެސް ޝޯވ ދައްކާ ވަގުތުން ފެށިގެން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށް އެސް.އެމް.އެސް ކުރެވޭނެއެވެ.
އެގޮތުން އެސް.އެމް.އެސް ކުރުމުގެ ފުރުސަތު މިރޭގެ ޝޯވދައްކާ ވަގުތުން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާއި ހަމައަށް ހުޅުވާލެވޭނެއެވެ. ބެލުންތެރިން އެންމެ ގަޔާވާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރެއްވުމަށް MI ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއެއްގެ ނަން ޖެއްސެވުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރެއްވުމުން ވޯޓް ދެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަ ވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ. މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރައްވަނީ އޭ.އެޗް އެސޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.
img:http://s4.psmnews.mv/images/660x400/14606522519034.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑް 7 ވަނަ ޝޯވގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް
ގަދަ 12 ބައިވެރިންނާއެކު ގާލާ ރައުންޑުގެ ޝޯވތައް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދައްކަން ފަށާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 6 ބައިވެރިއަކު ވަނީ މި ޝޯވއިން ވަކިވެފައެވެ. އަދި މި މިހާރު މި ޝޯވގައި ވާދަކުރާ 5 ބައިވެރިންނަކީ، މުޙައްމަދު އިޝާން، ޢަބްދުﷲ ފާލިޙް އާދަމް، ލައިޝާ ޖުނައިދު، ޝަލަބީ އިބްރާހިމް އަދި މުޙައްމަދު ޒަލީފް ޢަބްދުﷲ އެވެ.
ގާލާ ރައުންޑުގެ ޝޯވތަކުގައި ބައިވެރިން ލަވަ ހުށައަޅައިދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއަކަށްވެސް ކަނޑައަޅާ ވަކި ތީމަކަށެވެ. އެގޮތުން ގާލާ ރައުންޑުގެ ފުރަތަމަ ޝޯވގައި އެ ބައިވެރިއަކަށް އެންމެ ރީތި ލަވަ ހުށައަޅާދީފައިވާއިރު، ދެވަނަ ޝޯވގައި ބައިވެރިންގެ ފަރާތުން ފެނިގެންގޮސްފައި ވަނީ 1980 ގެ އަހަރުތަކުގައި ދިވެހިންގެ ތެރޭގައި މަޝްޙޫރުވެގެން ދިޔަ ހިތްގައިމު ރީތި ލަވަތަކެވެ. 3 ވަނަ ޝޯވ ޚާއްސަ ކޮށްފައިވަނީ ދިވެހި ފިލްމުތަކުގައި ހިމެނޭ ލަވަތަކަށެވެ. 4 ވަނަ ޝޯވގައި ދިވެހިންގެ ތެރޭގައި މަޝްހޫރުވެގެންދިޔަ އަމިއްލަ ރާގުގެ ހިތްގައިމު ލަވަތަކެއް ބައިވެރިން ހުށައަޅާދީފައިވެއެވެ. އަދި 5 ވަނަ ޝޯވ"ޑެޑިކޭޝަން ނައިޓް" މި ތީމަށް ޚާއްސަކޮށްފައިވާއިރު، 6 ޝޯވ ޚާއްސަކޮށްފައިވަނީ އޮލިމްޕިއަންސް ބޭންޑުން ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދި މަޝްހޫރު ލަވަކިޔުންތެރިޔާ ޢިބްރާހިމް ހަމްދީގެ ލަވަތަކަށެވެ.
img:http://s2.psmnews.mv/images/660x400/14606521974166.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑް 7 ވަނަ ޝޯވގެ އެލިމިނޭޝަން ނައިޓްގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް
ގާލާ ރައުންޑުގެ މިދިޔަ ހަފްތާގެ ޝޯވ "ޑިސްކޯ ނައިޓް" މި ތީމަށް ޚާއްސަކޮށްފައިވާއިރު، ގެސްޓް ޖަޖެއްގެ ގޮތުގައި ޒުވާން ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް ވަނީ ބައިވެރިވެފައިވެއެވެ. މީގެ އިތުރުން މިދިޔަ ހަފްތާގެ އެލިމިނޭޝަން ނައިޓުގައިވެސް ބެލުންތެރިންނަށް ވަނީ ޙާއްސަ ކަންތައްތަކެއް ފެނިގެންގޮސްފައެވެ. "ލަވް ސޯންގްސް" މި ތީމަށް ޚާއްސަކޮށްގެން އެލިމިނޭޝަން ނައިޓްގެ ލަވަތައް ބައިވެރިން ހުށައަޅާފީފައިވާއިރު، ލަވަ ހުށައަޅާދީފައި ވަނީ މަޝްހޫރު 2 ލަވަކިޔުންތެރިން ކަމުގައިވާ އައިޝަތު މާއިން ރަޝީދު އަދި ޙަސަން ޠަލާޤާއެކުގައެވެ. ހަމައެހެންމެ ދިވެހި މިއުޒިކް އިންޑަސްޓްރީގައި މިވަގުތު ތިބި އެންމެ ފުންނާބުއުސް ފަންނާނުންތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު ލަވަކިޔުންތެރިޔާ ފާތުމަތު ޒޫނާ ގެސްޓް ޖަޖެއްގެ ގޮތުގައި ވަނީ ފެނިގެންގޮސްފައެވެ.
img:http://s2.psmnews.mv/images/660x400/14606522660029.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑް 7 ވަނަ ޝޯވގެ އެލިމިނޭޝަން ނައިޓްގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް
މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޓީ.ވީ.އެމްގެ އިތުރުން، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް އެޗް.ޑީކޮށް އާއްމުންނަށް ފެންނާނެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޝޯވ ބަލާލެވޭނެއެވެ. އަދި މޯލްޑިވިއަން އައިޑަލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް އެޗްޑީކޮށް މި ޝޯވ ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ.