ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ޤާއިމްކުރުމަށް ނިންމާފައިވާ އިސްރަށްވެހިންގެ އިޖްތިމާއި މަރުކަޒުތަކުގެ ތެރެއިން ފުރަތަމަ މަރުކަޒު އަންނަ މަހުގެ ތެރޭގައި ހުޅުވިގެންދާނެކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިސްރަށްވެހިންގެ މަރުކަޒުތަކަކީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން އެމީހުންނަށް ބޭނުންވާ ސިއްހީ ޚިދުމަތްތަކާއި އަދި އެނޫންވެސް ބޭނުންތައް ފުއްދާ ދިނުމަށް ގާއިމުކުރާ މަރުކަޒުތަކެކެވެ. އަދި މިއީ ހަފްތާ 14 މަގު ޗާޓުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުހިއްމު މަސައްކަތެކެވެ.
ޕީއެސްއެމް ނިއުސް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ސޯޝަލް ޝަރވިސް ކޯޑިނޭޓަރ އަބްދުﷲ އަޝްރަފް ވިދާޅުވީ، އިސްރަށްވެހިންނަކީ މުޖްތަމައު ބިނާކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ބައެއްކަމަށެވެ. އެހެންކަމުން މިފަދަ މަރުކަޒުތައް ތަރައްޤީކުރަނީ އެ މީހުންގެ އަގު ވަޒަންކޮށް އެމީހުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުމުގެ ބޭނުމުގައިކަމަށް އޭނާ ވިދާޅުވިއެވެ.
މި މަރުކަޒުތަކުން އިސްރަށްވެހިންގެ ނަފްސާނީ އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުރެވިގެންދާނެކަމަށާއި، އަދި އެކަކު އަނެކަކާއި ބައްދަލުވެ ރައްކާތެރި ހިތްހަމަޖެހޭ މާހައުލެއް އިސްރަށްވެހިންނަށް ޤާއިމްވެގެންދާނެކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.
"ފުރަތަމަ މަރުކަޒު މި ޤާއިމްވެގެންދަނީ މާލެ ސިޓީގައި. މާލޭސިޓީގައި މި މަރުކަޒު ޤާއިމް މިކުރެވެނީ ކުރީގެ ޤުރުއާނާއި ބެހޭ މަރުކަޒުގައި. މި މަރުކަޒު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ މިއަންނަ މަހުގެ ތެރޭގައި ހުޅުވޭނެކަމަށް" އަޝްރަފް ވިދާޅުވިއެވެ.
އިސް ރަށްވެހިންނަށް މަރުކަޒުތަކެއް ގާއިމް ކުރުމުގެ އިތުރުން،
އިސްރަށްވެހީންނަށް ޚާއްޞަ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ކުރެއްވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.