އަތޮޅުތެރޭގައި މަސައްކަތްކުރައްވާ ފަރާތްތަކުން ޝަރުޢީ ދާއިރާގެ ކޯޓެއް މެދުވެރިކޮށް ވަޒީފާގެ ޓްރައިބިއުނަލަށް މައްސަލަ ހުށައެޅޭނެ ގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙަކީ ދުސްތޫރީ ގޮތުން ބާޠިލް އިޞްލާޙެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅުއްވީ މިއިސްލާހާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމުންނެވެ. އެހެންކަމުން މިއިޞްލާޙު ފާސްނުކުރައްވާ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. ވަޒީފާއާއި ބެހޭ ޤާނޫނަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާޢީލް ހުށައެޅުއްވި އިޞްލާޙުގައި ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގޮތްޕެއް ޤާއިމްކުރައްވާފައި ނުވާ ރަށްރަށުގައި، އުފެދޭ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިޙުތިސާސް ހިނގާ މައްސަލައެއް އެ ރަށެއްގެ ނުވަތަ އެ ރަށެއް ހިމެނޭ ޝަރުޢީ ދާއިރާގެ ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެކަމަށެވެ.
ނަމަވެސް އިޞްލާޙާއި ގުޅޭ ގޮތުން ސުޕްރީމްކޯޓުގެ ލަފައަކަށް ރައްޔިތުންގެ މަޖިލީހުން އެދިވަޑައިގަތުމުން، އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވަނީ، އެ އިޞްލާޙަކީ ދުސްތޫރީ ގޮތުން ބާޠިލް އިޞްލާޙެއްކަމަށެވެ.
މި އިޞްލާޙަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ ވަޒީފާއާއި ބެހޭ މައްސަލަތައް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށައެޅޭނެ އެހެން ގޮތެއް ހޯއްދަވާ މަޖިލީހަށް ހުށައެޅުއްވުމަށް ގޮވާލައްވާފައެވެ. އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ ބާރު ކެނޑިފައިވާކަމަށް ވިދާޅުވެފައެވެ. އެއަށް ޖަވާބުދާރީވަމުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙު މުޙައްމަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ޤާނޫނު އަސާސީން ގިނަ ބާރުތަކެއް ދެއްވާފައިވާކަމަށާއި، އެހެންގޮތަކަށް ވިސްނަވާ އެ އިޞްލާޙު ހުށައެޅުމުގެ ފުރުޞަތު އަދިވެސް އެބައޮތްކަމަށެވެ.