ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު އެޕާޓީން އިތުރުކޮށްފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމާއި، ރީ-ރަޖިސްޓްރޭޝަނަށް އެމްޑީޕީއިން ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، ރީ-ރަޖިސްޓްރޭޝަނަށް އެޕާޓީން ކުރިން ފުރުޞަތު ހުޅުވާލީ މިއަދު ހަވީރު 16:00 ޖެހުމާއި ހަމައަށެވެ. ނަމަވެސް މިހާރު އެ މުއްދަތު މިމަހުގެ 22 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ނިޔަލަށް އިތުރުކޮށްފައިވާކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހުގެ 16 ގައެވެ. މިދިޔަ މަހުގެ 25 އާ ހަމައަށް ހުޅުވާލި އެ ފުރުޞަތުގައި ކުރިމަތިލި މީހުންގެ ތެރެއިން 46 މީހަކަށް ޕްރައިމަރީގައި ވާދަކުރަން ނުޖެހި ޓިކެޓްވަނީ ކަށަވަރުވެފައެވެ. އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވަފައިވަނީ މާރިޗު މަހުގެ 17 ވަނަ ދުވަހުގައެވެ.