ރާއްޖޭގެ ފަތުރުވެރިކަން ފަހި ފަތުރުވެރިކަމަކަށް ވެގެންދާނީ ކަނބަލުންގެ ބައިވެރިވުމާއެކުގައިކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ހަފްތާ14 މަގުޗާޓުގައި ހިމެނޭ "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިއަދު ފަތުރުވެރިކަމުގެ ސިނާޢަތު ރާއްޖޭގެ އިޤްތިސާދުގެ %40 ހިއްސާކުރާކަމަށެވެ. 1972ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ފެށުނު ނަމަވެސް 2000އަށްވުރެ ގިނަ އަހަރު އިންޑިއާ ކަނޑުގައި ރާއްޖެ އޮތްއިރު ރާއްޖެއިން ދިނީ މެހެމާންދާރީކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މެހެމާންދާރީ އަދާކުރުމުގައި ތިބީ ކަނބަލުންކަމަށާ އެހެންކަމުން ރާއްޖޭގެ ރީތިކަން އަންހެން ބޭފުޅުންނާ ނުލައި ފުރިހަމަ ނުވާނެކަމަށް ވަޒީރުވިދާޅުވިއެވެ. ޚާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ކަނބަލުން ނެތި މި ސިނާއަތް ފުރިހަމަ ނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖެއަށް ވަންނަ ކޮންމެ 100 ޑޮލަރުގެތެރެއިން 80 ޑޮލަރު މިވަންނަނީ ގާތްގަނޑަކަށް ފަތުރުވެރިކަމުން. ރާއްޖޭގެ އާބާދީގެ އެންމެބޮޑު ޕަސެންޓޭޖްގެ 0.01 ފަސެންޓް އިންޑަސްޓްރީގައި ނެތުމަކީ ފަތުރުވެރިކަން ފަހިވާނެ ކަމެއްނޫން. އެހެންވީމަ ކަނބަލުން މުހިންމު ވަނީ. އެހެންވީމަ ރައީސްގެ މެނިފެސްޓޯގައި ކަނބަލުން ނެރުމަށް އެހާބޮޑު އިސްކަމެއް ދެއްވަނީ." ވަޒީރު ސައީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރުމަށް ކަނބަލުންނަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަވެފައިވާކަމަށެވެ. އެގޮތުން އާއިލާއެއް ފެށުމަށްފަހު ރަށުން ބޭރުގައި މަސައްކަތްކުރުން ދަތިވެފައިވާކަން ފާހަގަވެފައިވާކަމަށެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނެސްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސް ވިސްނެވީ ވަކި ސަރަހައްދުތަކެއްގައި އެކޮމޮޑޭޝަންތަކެއް ހަދައި ލުއި ގޮތަކަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އެ އެކޮމޮޑޭޝަން ސެންޓަރުތަކުން ހިދުމަތް ފޯރުކޮށްދިނުން. އަދި އެއާއިއެކުގައި ޓްރާންސްޕޯޓް ނެޓްވޯކެއް އައިސް ފަސޭހަކަމާއިއެކުގައި އެ ސިސްޓަމް ޤާއިމްވެފައި އިނުން." ވަޒީރު ސައީދު ވިދާޅުވިއެވެ.
މި ސަރުކާރުގެ ހަފްތާ14 މަގުޗާޓުގައި ހިމެނޭ "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް މެދުވެރިކޮށް މި ސިނާއަތައް އަންހެނުން ނެރުމަށްޓަކައި ޚާއްސަ މެންޓާރންޝިޕް ޕްރޮގްރާމްތަކެއް ކުރިއަށްގެންދާނެއެވެ. މި ޕްރޮގްރާމްތައް ކުރިއަށްގެންދާނީ 3 މަސްދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮގްރާމްގައި މަސައްކަތުގެ ހުނަރު ދަސްކޮށްދޭނެއެވެ. އަދި މި ޕްރޮގްރާމްތައް އަހަރަކު 2 ފަހަރު ހިންގުމަށް ވަނީ ނިންމާފައެވެ.