ޚަބަރު

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފި


  • ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 18 އާ ހަމައަށް

  • ޕްރައިމަރީގައި ވާދަކުރުމަށް 354 ފޯމު ހުށަހެޅި

  • މިހާތަނަށް 10 ދާއިރާއެއްގެ ޓިކެޓްވަނީ ކަށަވަރުވެފައި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި މިއަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ ބޭއްވުމަށް އެންމެ ފުރަތަމަ ނިންމާފައި އޮތީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް ފަހުން ވަނީ އެއް ހަފްތާގެ މުއްދަތެއް އިތުރުކުރުމަށްފަހު މިމަހުގެ 27 ވާ ހޮނިހިރު ދުވަހު މި ޕްރައިމަރީ ބާއްވާގޮތަށް ނިންމާފައެވެ.

މި ޕްރައިމަރީގައި ވޯޓު ލެވޭ މެންބަރުންގެ ލިސްޓް ޕީއެންސީގެ ވެބްސައިޓްގައި ޢާންމު ކޮށްފައިވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ. ވޯޓު ލެވޭ މީހުންގެ ލިސްޓުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާނަމަ، މައްސަލައިގެ ތަފްސީލާއެކު ލިޔުމުން މިމަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 ގެ ކުރިން ޕީއެންސީ އޮފީހަށް ނުވަތަ [email protected] އަށް ފޮނުވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އެދިފައެވެ.

މި ތާރީޚުގެ ފަހުން ފޮނުވާ އެއްވެސް ޝަކުވާއެއް ބަލައިނުގަނެވޭނެކަމަށްވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގައި 354 ފޯމުވަނީ ހުށަހަޅާފައެވެ. މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެ ކޯލިޝަންގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލިއިރު 10 ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގެ ޕްރައިމަރީ ބާއްވާނެއެވެ.