ޚަބަރު

ބޭނުންވަނީ ސަރުކާރާއި ގުޅިގެން ރައްޔިތުން އުޅޭހިތުން އުޅޭ ސިޓީއަކަށް މާލެސިޓީ ހަދައިދިނުން: އާޒިމް


  • އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވީތީ ޝުކުރު އަދާކުރެއްވި

  • މާލެ ސިޓީ ތަރައްޤީކުރާނީ ރައްޔިތުންގެ ޚިޔާލާއެކުގައިކަން ފާހަގަކުރެއްވި

  • ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރުމުގައި ދެގޮތެއްނުވެ ހުންނަވާނެކަމަށް ވިދާޅުވި

ބޭނުންވަނީ ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުން އުޅޭހިތުން އުޅޭ ސިޓީއަކަށް މާލެސިޓީ ހަދައިދިނުންކަމަށް މާލޭ ސިޓީގެ މޭޔަރަކަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިންތިޚާބީ މޭޔަރު އާޒިމް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް ގުޅުއްވާ، ތަހުނިޔާ ވިދާޅުވެ، އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިކަމަށްޓަކާ ޝުކުރު ދަންނަވާފައެވެ.

އާޒިމް ވިދާޅުވީ، އޭނާގެ ތަޞައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއެކު މާލެ ސިޓީ ތަރައްޤީކޮށް ރައްޔިތުން އުޅޭހިތުން އުޅޭ ސިޓީއަކަށް މާލެސިޓީ ހަދައިދިނުންކަމަށެވެ. އަދި އެންމެން ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަކީ ހިތްފަސޭހަކަމާއި، ފަހިކަން މާލެ ސިޓީއަށް ގެނައުމަށް މުހިއްމުކަމެއްގެގޮތުގައި ފާހަގަކުރެއްވިއެވެ.

އާޒިމް ވަނީ ރައްޔިތުން އޭނާއަށް އިތުބާރުކުރައްވާ ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރުމުގައި ދެގޮތެއްނުވެ ދެމިހުންނާނެކަމަށްވެސް ވިދާޅުވެފައެވެ.


މާލެ ސިޓީގެ މޭޔަރަކު ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމް.ޑީ.ޕީގެ ކެންޑިޑޭޓް އާދަމް ޢާޒިމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފޯނުން ގުޅުއްވައި، މަރުޙަބާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާލެ ސިޓީ ކައުންސިލަށާއި އަދި މާލެ ސިޓީގެ މޭޔަރަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަމުގައި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މާލެ ސިޓީ ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

މާލޭ ސިޓީގެ މޭޔަރަކަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި އާދަމް އާޒިމް، މަޤާމުގެ ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. އެކަމަށްޓަކާ ދަރުބާރުގޭގައި ބާއްވާ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.