ރާއްޖެއާއެކު ވިޔަފާރީގެ މަޝްވަރާތައް ބޭއްވުމަށް ފުރަތަމަ ފަހަރަށް އެމެރިކާއިން ދައުވަތު ދީފިއެވެ.
މި ދައުވަތު އެމެރިކާއިން ރާއްޖެއަށް ދީފައިވަނީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޓްރޭޑް ރެޕްރެޒެންޓޭޓިވްއާއެކު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުހައްމަދު ސައީދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޓްރޭޑް ރެޕްރެޒެންޓޭޓިވްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މުހިއްމު މަޝްވަރާތަކެއް ކުރެއްވިކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއްކަމަށްވާ އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖެއަށް ތައާރަފްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެމެރިކާގެ ޕޭޕަލް ރާއްޖެއަށް ގެނައުމަށް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށާއި، އަދި އެކަމަށް އެމެރިކާގެ އޮފިޝަލުން ރަނގަޅު އިޖާބައެއް ދެއްވިކަމަށެވެ. އެގޮތުން ޕޭޕަލް ގެނައުމާއި ގުޅޭގޮތުން އެމެރިކާ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ރާއްޖޭގެ ޓްރޭޑް ވަފްދެއް އެމެރިކާއިން ވަޑައިގަތުމުގެ ދައުވަތު ފުރަތަމަ ފަހަރަށް ދިވެހި ސަރުކާރަށް ލިބިފައިވާކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
"އެމަނިކުފާނުގެ ކެބިނެޓުން ސީދާ ރައީސްގެ ލަފާފުޅަށް ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކޮށް ކްރިއޭޓަރ އިކޮނޮމީއާއި ކޮންޓެންޓް ކްރިއޭޝަންއަށް މަގުފަހިކުރުމަށް ޕޭޕަލް ރާއްޖެއަށް މުހިންމޭ. އެބޭފުޅުންނަށް (އެމެރިކާއަށް) ރައީސްގެ ޕްރިއާރިޓީއެއްގެ ގޮތުގައި އެވާހަކަ ވާނީ ދަންނަވާފައި. އަދި މިހާތަނަށް ދިވެހިރާއްޖޭގައި ޓްރޭޑް ވަފުދަކަށް އެމެރިކާއަށް ދިއުމުގެ ފުރުސަތެއް ހަމަ ގައިމުވެސް މިހާތަނަށް ދީފައެއް ނެތް. ނަމަވެސް މިހާރު ޑރ. މުއިއްޒުގެ ސަރުކާރަށް ވަނީ އެ ފުރުސަތު ލިބިފައި" ވަޒީރު ސައީދު ވިދާޅުވިއެވެ.
އިޤްތިޞާދީ ތަރައްޤީއާ ވުޒާރާއިން ވިދާޅުވީ، ވިޔަފާރިއާއިބެހޭ މި މަޝްވަރާތައް ކުރުމަށް މިއަހަރުގެ ތެރޭގައި ދިވެހި ވަފުދެއް އެމެރިކާއަށް ދާނެކަމަށެވެ. ނަމަވެސް ވަކި ތާރީހެއް އެ ވުޒާރާއިން ހާމައެއް ނުކުރައްވައެވެ.
ޕޭޕަލްފަދަ އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖެއަށް ތައާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވައުދެކެވެ. ވައުދު ފުއްދުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން އޮންލައިން ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމާފައެވެ.
ޕޭޕަލްގެ އިތުރުން އެހެން އޮންލައިން ޕޭމަންޓް ސިސްޓަމްތައްކަމަށްވާ ޕޭއޯނިޔާއާއި ސްޓްރައިޕްއާއި ސްކްރިލްއާއި ނެޓެއްލާވެސް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތް ހައްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގައި ޑިޖިޓަލް އިކޮނޮމީއެއް ޤާއިމްކޮށް، ރާއްޖޭގެ ވިޔަފާރިވެރިންނަށް ފަސޭހަކަމާއިއެކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ އިންތިޒާމްތައް ހަމަޖެޖިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އޮންލައިން ޕޭމަންޓް ސިސްޓަމްތަކުގެ އިތުރުން ގްލޯބަލް އީކޮމާސް ޕްލެޓްފޯމްތައްކަމަށްވާ އެމެޒޯން، ޝޮޕިފައި، ޝޮޕީ އަދި ލަޒާޑާވެސް ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަމަޖައްސައިދެއްވުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ އަމާޒެކެވެ. މިއާއެކު މިފަދަ އީ ކޮމާސް ޕްލްޓްފޯމްތަކުގައިި ސެލާ އެކައުންޓްތައް ރާއްޖޭގައި ތިބިގެން ނުހެދޭ މައްސަލަ ހައްލުވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.