ޚަބަރު

އެސްއެމްއީ ހަބްގެ ކިއޮސްކްތަކުގެ ކުލި ކުޑަކޮށް، ޚާއްޞަ ޕްރޮމޯޝަނެއް


  • މަހު ކުއްޔަށް ދޫކުރާ ކާބޯތަކެތި ވިއްކާ ކިއޮސްކްތަކުގެ ކުލި ވަނީ 6750 ރުފިޔާއަށް ކުޑަކޮށްފައި

  • ދުވަހު ކުއްޔަށް ދޫކުރާ ކިއޮސްކްތަކުގެ ކުލި ވަނީ ދުވާލަކަށް 250 ރުފިޔާއަށް ކުޑަކޮށްފައި

އެސްއެމްއީ ހަބްގައި ކާބޯތަކެތި ވިއްކާ ބައެއް ކިއޮސްކްތަކުގެ ކުލި ކުޑަކޮށް، ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ބުނީ މި ޕްރޮމޯޝަންގެ ދަށުން ބައެއް ކިއޮސްކްތަކުގެ ކުލި ކުޑަކުރުމުގެ އިތުރުން، ދުވަހު ކުއްޔަށާއި މަހު ކުއްޔަށް ކިއޮސްކްތައް ދޫކުރުމަށްވެސް ނިންމާފައިވާކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން އެސްއެމްއީ ހަބްގެ ފުރަތަމަ ފަންގިފިލާއިން ކާބޯތަކެތި ވިއްކުމަށް ދޫކުރާ ކިއޮސްކްތަކުގެ ތެރެއިން މަހު ކުއްޔަށް ދޫކުރާ ކިއޮސްކްތަކުގެ ކުލި ކުޑަކޮށްފައިވަނީ 6750 ރުފިޔާއަށެވެ. އަދި ދުވަހު ކުއްޔަށް ދޫކުރާ ކިއޮސްކްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކަށް 250 ރުފިޔާގެ ރޭޓުންކަމަށް ބީސީސީން ބުނެއެވެ. ކިއޮސްކްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މީގެއިތުރުން މިމަހުގެ 20 ގެ ނިޔަލަށް ދިވެހި އުފެއްދުންތެރިންނަށް އެސްއެމްއީ ހަބްގެ 2 ވަނަ ފަންގިފިލާގައި ތަކެތި ވިއްކައި މާކެޓް ކުރުމުގެ ހިލޭ ދިނުމަށްވެސް ބީސީސީން ވަނީ ނިންމާފައެވެ. އަދި މިގޮތަށް ތަކެތި އިޝްތިހާރުކޮށް ވިއްކަން ބޭނުންވާ ފަރާތްތަކަށް ބީސީސީގެ ވެބްސައިޓް މެދުވެރިކޮށް ބުކް ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

އެސްއެމްއީ ހަބްގެ އަހަރީ ދުވަހާއި ގުޅުވައިގެން އުރީދޫއާއި ކްރޮސްރޯޑް މޯލްޑިވްސްއާއި ގުޅިގެން ސްޓޭންޕް އެންޑް ވިންގެ ނަމުގައިވެސް ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެސްއެމްއީ ހަބުން ކުރާ ކޮންމެ 50 ރުފިޔާގެ ވިޔަފާރިއަކަށް ދޫކުރާ ސްޓޭމްޕްގެ 10 ސްޓޭމްޕް ހަމަކުރާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 23 ގެ ނިޔަލަށެވެ.

އެކި ބާވަތުގެ ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ތަކެތި މާކެޓްކޮށް ވިއްކޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ބީސީސީން ޤާއިމްކޮށްފައިވާ އެސްއެމްއީ ހަބަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ދިވެހިންވެސް ކޮންމެ ދުވަހަކު ހިދުމަތް ހޯދާ ތަނެކެވެ.