އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 50 އަހަރު ފުރުމުގެ މުނާސަބާ ގުޅިގެން އެއަރޕޯޓް ހިންގަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން 50 ފޫޓް ދިގު ކޭކެއް ފެޅުމުގެ ޙަރަކާތެއް ބާއްވައިފިއެވެ.
މި ޙަފްލާ ފަށްޓަވައިދެއްވީ ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދާއި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާއެވެ. ކޭކް ފެޅުމުގެ އިތުރުން އެއަރޕޯޓުގެ މުހިންމު މަޢުލޫމަތު ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ސްޓޯރީ ބޯޑެއްވެސް ވަނީ ހުޅުވާފައެވެ. ސްޓޯރީބޯޑް ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ ޢަބްދުއްﷲ ޖިހާދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ބޮޑު ޕްރޮޖެކްޓެއް ފަށާފައިވާއިރު، މި ޕްރޮޖެކްޓް ނިމިގެން ދާއިރު އެއަރޕޯޓުން ޚިދުމަތް ހޯދާ ފަސިންޖަރުންނާއި މުވައްޒަފުންނަށް ވަރަށްބޮޑު ފަސޭހަ އަދި ލުއިތަކެއް ލިބިގެންދާނެކަމަށެވެ. ޢާދިލް ވިދާޅުވީ ފަތުރުވެރިކަން ކުރިއަރަމުން އަންނަ މިންވަރަށް ބެލިނަމަވެސް މިހާރު އަލަށް ތަރައްޤީކުރަމުންދާ ޓާމިނަލުން ކުރިޔަށް އޮތް 20 ނުވަތަ 25 އަހަރަށްވެސް ޓާރމިނަލްގައި ކެޕޭސިޓީ ބިލްޑްކުރެވޭނެ ކަމަށެވެ. އަދި މިހާރު އެއަރޕޯޓަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދުމުގެ ބަދަލުގައި މަސައްކަތްކުރަމުންދަނީ ދާއިމީ ޙައްލެއް ހޯއްދަވަންކަމަށް ޢާދިލް ވިދާޅުވިއެވެ.
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް ވައިގެ ބަނދަރުގެ ޚިދުމަތް ދޭންފަށާފައިވަނީ ރާއްޖޭއަށް މިނިވަންކަން ލިބުނުތާ އަހަރެއްވެސް ނުވަނީސް، 1966 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 12 ވަނަދުވަހުގައެވެ. އޭރުން ފެށިގެން 2011 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހާ ހަމަޔަށް އެތަނުގެ ނަމަކީ ހުޅުލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރެވެ. އެއަރޕޯޓް ތަރައްޤީކުރުމުގެ ޚާއްޞަ މަޝްރޫޢު މިމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.