ޚަބަރު

އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި


  • އަމަލީ މަސައްކަތް ފެށީ މިމަހު 9ވަނަ ދުވަހު

  • މިމަޝްރޫއުގެ އަގަކީ 15.6 މިލިއަން ރުފިޔާ

  • ރަށްގިރުމަކީ އަވަސް ހައްލެއް ބޭނުންވާ މައްސަލައެއް

ރ.އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެރަށު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީންނެވެ. އެކުންފުނިން އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

ރ.އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގެ އުތުރު ފަރާތު ގޮނޑުދޮށުން 360 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

އާބާދީގައި 900 މީހުން ދިރިއުޅޭ އިންނަމާދޫއަކީ، އޮޑިފަހަރު ބަނުމާއި ވަޑާންކުރުމުގެ ފަންނުގައި ފާހަގަކޮށްލެވޭ ރަށެކެވެ. މިރަށުގެ އުތުރުފަރާތުން ވެލިގަނޑު ގިރަމުންދިޔުމާއެކު އިޤްތިޞާދީ މަސައްކަތްތަކަށްވެސް ހުރަސްއެޅެމުން އަންނަ ކަމަށާއި އެހެންކަމުން މިމަޝްރުޢޫ ވާނީ ރަށަށް ވަރަށް މުހިންމު މަޝްރޫޢަކަށް ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އިންނަމާދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒްމީން ވިދާޅުވީ މިފަހުން އާދަޔާ ޚިލާފަށް ރަށްގިރަމުން އަންނަކަން ފާހަގަވެފައިވާކަމަށެވެ. ރަށުގެ ގޮނޑުދޮށް ހިމާޔަތް ނުކޮށް ދާ ކޮންމެ ދުވަހަކީ ރަށައް ގެއްލުން ލިބިގެންދާ ދުވަހެއްކަމަށް ވިދާޅުވެ ރަށްގިރުމުގެ މައްސަލަކީ އަވަސް ހައްލެއް ބޭނުންވެފައިވާ ބޮޑު މައްސަލައެއްކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

" ރަށްގިރުމުގެ ސަބަބުން ވަރަށް ބޮޑު ބައެއް މިވަނީ ގެއްލިގެން ގޮސްފައި. ރަށުގެ ހުޅަނގު ފަޅިންވެސް މިހާރު ވަރަށް ބޮޑަށް ގިރާކަން ފާހަގަކުރެވެއެވެ. މިކަމަކީ އަވަހަށް ހައްލު ކުރަން ޖެހޭނެކަންކަން" އަޒްމީން ވިދާޅުވިއެވެ.

އަޒްމީން ވިދާޅުވީ އޮޑިފަހަރު ބަނުމާއި ވަޑާންކުރާ ސަރަހައްދު ގިރަމުންދާތީ އެސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން ޝަކުވާ ކުރަމުން އަންނަކަމަށާއި، އަދި ހަރުގެތަކަށް ގެއްލުންވެފައިވާކަން އަޒްމީން ފާހަގަކުރެއްވިއެވެ. އަޒްމީން ވިދާޅުވީ ރަށްގިރުމުގެ މައްސަލަ ހައްލުވުމުން އެތައް ގޮތަކުން ރަށަށް ފައިދާވާނެކަމަށްވެސް އަޒްމީން ވިދާޅުވިއެވެ.

އެމްޓީސީސީގެ އަމާޒަކީ އިންނަމާދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާ އަވަހަކަށް ހައްލުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ

އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރައްވާފައިވަނީ 15.6 މިލިއަން ރުފިޔާއަށެވެ.