ޚަބަރު

އިސްރަށްވެހިންނަށް ޚާއްޞަ ޤައުމީ ސިޔާސަތެއް ކަށަވަރުކުރުމުގެ މަސައްކަތް ފަށައިފި


  • މިކަމާގުޅޭ މަސައްކަތު ބައްދަލުވުމެއްވަނީ ބާއްވާފައި

  • މިމަސައްކަތް ކުރިއަށްގެންދަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން

  • އިސްރަށްވެހިންގެ އާބާދީއަކީ މިހާރު %8.3

އިސްރަށްވެހިންނަށް ޚާއްޞަ ޤައުމީ ސިޔާސަތެއް ކަށަވަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިސިޔާސަތު ކަށަވަރުކުރުމުގެ ގޮތުންވަނީ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.

މިމަސައްކަތު ބައްދަލުވުން ބާއްވާފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން އެސްކެޕް) އާއި ގުޅިގެންނެވެ.

1 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މިމަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އިސްރަށްވެހިންނަށް ޚާއްސަ ކޮށްގެން މިހާރު ހުރި އަދި ކުރިއަށް އަންނާނެ ހުރިހާ ސިޔާސަތުތަކާއި ނިޒާމުތައް ހިމެނޭހެން، ދިވެހިރާއްޖޭގެ އިސްރަށްވެހީންގެ އާބާދީގެ ދުޅަހެޔޮކަމަށް ރިޢާޔަތްކުރާ އޮނިގަނޑެއް އުފެއްދުމެވެ.

މި ބައްދަލުވުމުގައި މިހާރު ރިވިއު ކުރެވިފައިވާ އިސްރަށްވެހީންގެ ޤައުމީ ސިޔާސަތުގެ ޑްރާފްޓަށް ބައިވެރިން ޚިޔާލު ހުށަހަޅާ މަޝްވަރާކުރުމުގެ ފުރުސަތު ހުޅުވާލެވުނެވެ. އަދި ބައިވެރިންގެ ޚިޔާލުތަކާއި މަޝްވަރާތަކާއެކު މިސިޔާސަތު ކަށަވަރު ކުރުމުގެ މަސައްކަތް ހުރިހާ ބައިވެރިންނާއެކު ކުރެވޭނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

2023 ވަނައަހަރު ރާއްޖޭގެ އާބާދީގައި 60 އަހަރުން މަތީ މީހުންގެ އިންސައްތަ އަކީ 8.3 އެވެ. 2050 ވަނަ އަހަރާ ހަމައަށް އަންނައިރު 60 އަހަރުން މަތީ މީހުންގެ އާބާދީގެ އިންސަންތަ 34.1 އަށް އިތުރުވާނެކަމަށް ލަފާކުރެވެއެވެ. މިއީ ނިސްބަތުން އާބާދީގެ އުމުރުފުރައިގެ އިންސައްތައަށް އަންނަ ބޮޑު ބަދަލަކަށް ވުމާއެކު އުމުރުން ދުވަސްވާ ފަރާތްތަކަށް ދޭންޖެހޭ ސަމާލުކަމާ އަޅާލުން އަދި ރައްކާތެރިކޮށް ކަށަވަރުކުރަންޖެހޭ ހައްޤުތަށް ޔަގީން ކުރުމަށް ވަށާޖެހޭ ސިޔާސަތެއް އޮތުމުގެ މުހިންމުކަން ފާހަގަކޮށް އިސްރަށްވެހިންގެ ޤައުމީ ސިޔާސަތު އެކުލަވާލާ ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ވީއެންމެ އަވަހަކަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.