މި ސަރުކާރުން މަސްވެރިންނަށް ވި ވައުދާއި އެއްގޮތައް މަސްވެރިންނަށް ނުދެވި ހުރި 276 މިލިއަން ރުފިޔާ ދީ ހަލާސްކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބެއިޖިންގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، މަސްވެރިންނަށް ދޭންޖެހޭ 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދީ ހުރިކަމަށެވެ.
ނަމަވެސް ރައީސް ޑރ. މުޢިއްޒު އެންމެ މުހިންމު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ވީހާވެސް އަވަހަކަށް ދީ ހަލާސްކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިހާތަނަށް މަސްވެރިންނަށް ދޫކުރެވިއްޖެ 276 މިލިއަން ރުފިޔާ. އަދިވެސް ނުދެވޭ ފައިސާ އެބަހުރި. އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދޫކުރެވުމަށްފަހު ވަރަށް ގިނަ ދުވަސްވެއްޖެ ފައިސާ ނުދެވޭތާ. އެންމެ ފަހުން ފައިސާ ދެވިފައި މިއޮތީ 11 ނޮވެމްބަރާއި ހިސާބަށް. އެހެންވީމަ މިހާރު އަޅުގަނޑުމެންނަށް މި ހަލާސްކޮށްލެވެނީ 30 ނޮވެމްބަރާއި ހިސާބަށް. މާނައަކީ ނޮވެމްބަރ މަހާއި ހަމައަށް ދޭންޖެހޭ ފައިސާ." ވަޒީރު ވިދާޅުވިއެވެ.
ވަޒިރު ޝިޔާމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ދައުލަތުގެ ކޭޝް-ފްލޯ ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ. އެހެންނަމަވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަސްވެރިންނަށް ފައިސާ ދިނުން ހިމަނުއްވައިގެން ރައީސް އެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
ކުރީގެ ސަރުކާރުން ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ކެމްޕެއިންގެ ތެރެއިން މަހުގެ އަގަށް ވަރަށް ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ. ވަޒީރު ޝިޔާމް ވިދާޅުވީ، ކުރީގައި 17 ރުފިޔާއަށް ވިއްކަމުން އައި މަހުގެ އަގު އޭރުގެ ސަރުކާރުން 25 ރުފިޔާއަށް ބަދަލުކޮށްފައިވާކަމަށެވެ.
އަގަށް މި ބަދަލު ގެންނެވީ ސަރުކާރަށް އާމްދަނީ ނުލިބި އަދި ހަމަ އެއާއިއެކު މިފްކޯގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ނުހޯދިކަމަށާއި މިއީ ދައުލަތައް އެކަމުގެ ބުރަ އުފުލަން ޖެހިފައިވާކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
"ދައުލަތުންވެސް ސަބްސިޑީގެ ގޮތުގައި މަސްވެރިންނަށް އެބަދޭ މިދިޔަ އަހަރު ބަޖެޓްކުރެވިފައި 250 މިލިއަން. އެހެންނަމަވެސް އެ ގެނެވުނު ބަދަލާއިއެކީގައި އިތުރު 250 މިލިއަނެއްހައި ރުފިޔާ އިތުރަށް ދޭންޖެހިފައި މިއޮތީ. އަންނަ އަހަރު 25 ރުފިޔާގައި އަގު ހުރެއްޖެނަމަ އަޅުގަނޑުމެންނަށް މި ގަބޫލުކުރެވެނީ ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދޭންޖެހޭ. މިއީ އާމްދަނީ އިތުރުނުކޮށް ދައުލަތައް ކުރަން ވަރަށް އުނދަގޫ ކަމަކަށްވާނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މަސްވެރިންނަށް ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ކޮށްދެއްވާނެ ސަރުކާރަކަށް މި ސަރުކާރު ވެގެންދާނެކަމަށެވެ. މަސް ކިރުމަށްފަހު ވަގުތުން މަސްވެރިންނަށް ފައިސާ ދިނުމަކީ ރައީސްގެ ވައުދުފުޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ވައުދުފުޅަކީ 5 އަހަރުގެ މި ދައުރުގައި އެމަނިކުފާނު ފުއްދަވާނެ ވައުދުފުޅެއްކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.