ޚަބަރު

ނުދެވި ހުރި 100 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރަން ފަށައިފި


  • މިހާތަނަށް 148 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި

  • މިއަދު ދޫކުރާ އަދަދާއިއެކު 248 މިލިއަން ރުފިޔާއަށް އަރާނެ

  • ބާކީ 200 މިލިއަނެއްހައި ރުފިޔާ ދޫކުރަން އެބަހުރި

މަސްވެރިންނަށް ނުދެވި ހުރި 100 މިލިއަން ރުފިޔާ ދިނުމުގެ މަސައްކަތް ފަށައިފިއެވެ. މި ފައިސާ ދެނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯއިންނެވެ.

މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީހާވެސް އަވަހަކަށް ދީ އަދި އެނޫންވެސް މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރެއްވުމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މުޙައްމަދު މުއްޠަލިބު ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިއަދު މަސްވެރިންނަށް ދޫކުރެވިގެންދާނެކަމަށެވެ. މުއްޠަލިބު ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ 268 މިލިއަން ރުފިޔާ އަދިވެސް އެބަހުރިކަމަށެވެ. މަސައްކަތް ކުރަމުންދަނީ މި ފައިސާ މި މަސް ނިމުމުގެ ކުރިން މަސްވެރިންނަށްދީ ހަލާސްކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު އޮފީސް ގަޑީގައި އިރާދަކުރެއްވިއްޔާ 100 މިލިއަން ރުފިޔާ މަސްވެރިންނަށް ހަވާލުކުރެވިގެންދާނެ. އެ މަސައްކަތް ކުރަމުންދާނީ މިފްކޯގެ ފަރާތުން. ހަމައެއާއެއްކޮށް ވީހާ އަވަހަކަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރައީސްގެ އިރުޝާދާއެކު މަސްވެރިންނަށް ދޭންހުރި ފައިސާ ދައްކާ ނިންމާލުމަށް." މުއްޠަލިބު ވިދާޅުވިއެވެ.

މުއްޠަލިބު ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މިހާތަނަށް 3 ފަހަރެއްގެ މަތިން މަސްވެރިންނަށް 148 މިލިން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. މިހާރު ދުކުރާ 100 މިލިއަނާއެކު މި ޢަދަދު 248 މިލިއަން ރުފިޔާއަށް އަރާނެކަމަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ވިދާޅުވީ، މި ސަރުކާރުން މަސްވެރިންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވާނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައިގެންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.