ޚަބަރު

އަމީނީމަގު ފަހު 2 ސެގްމަންޓުން ބައެއް މާދަމާ ހުޅުވާލަނީ، އެއްކޮށް ހުޅުވާނީ ހޮނިހިރު ދުވަހު


  • އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން މާދަމާ ހުޅުވާލާނެ

  • ކަނބާ އައިސަރަނި ހިނގުމާއި އަމީނީ މަގު ގުޅޭ ޖަންކްޝަންވެސް މާދަން ހުޅުވާނެ

  • އަމީނީމަގު ފަހު 2 ސެގްމަންޓުގައި ތާރުއަޅާ ނިންމާފައިވަނީ 28 ދުވަހުން

އަމީނީމަގުގެ ފަހު 2 ސެގްމަންޓުން ބައެއް މާދަމާ އާންމުންނަށް ހުޅުވާލާނެކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސަރަނި ހިނގުމާއި އަމީނީ މަގު ގުޅޭ ޖަންކްޝަން މާދަމާ ޓްރެފިކަށް ހުޅުވާލެވޭނެކަމަށެވެ. މި ދެ ސަރަޙައްދު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:00 ގައެވެ.

އަމީނީމަގު ފަހު 2 ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް އާރް.ޑީ.ސީއިން ނިންމާލާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ފަހު 2 ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް އެކުންފުނިން ފުރިހަމަކޮށްފައިވަނީ މަސައްކަތް ފެށިތާ 28 ދުވަހުންނެވެ. މިހާރު ކުރަމުންދާނީ މަގުތަކުގައި ކުރަހަންޖެހޭ ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި އަމީނީމަގުގެ ސެގްމަންޓް 12 އަދި 13 އާންމުންނަށް މުޅިން ހުޅުވާލާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 ގައި ކަމަށެވެ.

އަމީނީ މަގު ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގައެވެ.

އެގޮތުން 2022 ވަނަ އަހަރުގެ އޯގަސްޓް މަހު ޢަމަލީ މަސައްކަތް ފެށި މި މަސައްކަތް، އެކި ސަބަބުތަކާ ހެދި ދިގުލައިގެން ގޮސް، މަގުގެ މަސައްކަތް މެދުކެނޑާލީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކައިރިވެފައިވަނިކޮށެވެ. އޭރު ނުނިމި 2 ސެގުމެންޓުގެ މަސައްކަތް އޮތެވެ.

13 ސެގްމަންޓަށް ބަހާލައިގެން ފެށި އަމީނީ މަގުގެ މަސައްކަތުގެ ފަހު 2 ސެގްމަންޓްގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަމީނީ މަގުގެ ފަހު ދެ ސެގުމެންޓުގެ މަސައްކަތް އާރްޑީސީއިންކޮށްފައިވަނީ ކުރީގެ ސެގުމެންޓުތަކަށްވުރެ މަގު ފުޅާކޮށް ސްކޯޕަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން އެ 2 ސެގުމެންޓުގައި 4 ލޭން އޮންނާނެއެވެ.

އަމީނީ މަގު ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ އިރު ސަރުކާރުން ވަނީ މާލޭގެ ހުރިހާ މަގެއް ހިމެނޭހެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމަށް ނިންމަވާފައެވެ. އަދި ފެން ހިންދާ ނިޒާމުވެސް މަރާމާތުކޮށް ރަނގަޅުކުރުމަށް ސަރުކާރުން ނިންމަވާފައިވެއެވެ.

އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާ އަށެއެވެ.