ޚަބަރު

ދުވާލަކު 200 އުޅަނދު ރަޖިސްޓްރީކުރި ކުރުން މިހާރު 25 އުޅަނދަށް ދަށްވެއްޖެ: އަމީން


  • އުޅަނދުފަހަރު ރެގިއުލޭޓު ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ

  • މާސްޓަރ ޕްލޭންގެ ސަބަބުން ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރެވޭނެ

މީގެ ކުރިން ދުވާލަކު 200 އުޅަނދު ރަޖިސްޓްރީ ކުރި ކުރުން މިހާރު 25 އަށް ތިރިކޮށްފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މާލޭ ސަރަޙައްދުގެ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރ ޕްލޭން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުންނެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ނިމުނު ސަރުކާރުގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ދުވާލަކު 200 އަށްވުރެ ގިނަ އުޅަނދު އަދި ބައެއް ދުވަސްދުވަހު 300 އާ ގާތްކުރާ އަދަދަކަށް އައު އުޅަނދު ރަޖިސްޓްރީކޮށްދީފައިވާކަމަށެވެ. އެހެންނަމަވެސް މިކަން ޙައްލު ކުރުމަށް މި ސަރުކާރުން އަޅުއްވަން ފެއްޓެވި ފިޔަވަޅުތަކާއެކު މި ޢަދަދު މިހާރު 25 އަށް ތިރިކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެންމެ ބޮޑު މައްސަލައަކަށް ވެގެން ދިޔައީ އަޅުގަނޑުމެން ސަރުކާރަށް އައިއިރު މި ސަރަޙައްދަށް ރަޖިސްޓްރީ ވަމުން ދިޔަ ވެހިކަލްތައް އާދަޔާ ޚިލާފަށް އިތުރުވަމުން ދިޔުން. އެބަހުރި ސްޓެޓިސްޓިކްއިން ފެންނަން ގާތްގަނޑަކަށް 200 ގާތް ކުރާ އަދަދަކަށްވެސް ރަޖިސްޓްރީކޮށްދީފައި. އަޅުގަނޑުމެން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެ ރޭޓް ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައި." ވަޒީރު އަމީން ވިދާޅުވިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ އަލަށް ރަޖިސްޓްރީކުރެވޭ ވެހިކަލްތައް މަދުކުރުމަކީވެސް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތައް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި ވެހިކަލް އެތެރެވުން ކޮންޓްރޯލް ނުކުރެވޭނަމަ މާލެ ސަރަޙައްދު މިހާރު އޮތް ޙާލަތުން މިއަށްވުރެ ނުރައްކާ ޙާލަތައް ހިނގައިދާނެކަމަށެވެ.

މާލޭ ސަރަޙައްދަށް އެތެރެވާ އުޅަނދުފަހަރު ރެގިއުލޭޓު ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. އެގޮތުން ކުރިއަތް އޮތް ދެތިން ހަފްތާ ތެރޭގައި މި މަސައްކަތް ފެށިގެން ދާނެކަން ވަޒީރު ފާހަގަކުރެއްވިއެެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރ ޕްލޭން ގެ ސަބަބުން ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރެވިގެން ދާނެކަމަށެވެ.