ޚަބަރު

ވިލިމާލޭގެ ޕާކެއް ތަރައްޤީކުރަން ސްޓެލްކޯއާ ހަވާލުކޮށްފި


  • ސްޓެލްކޯއާ ހަވާލުކޮށްފައިވަނީ ވިލިމާލެ 38 ނަންބަރު ކޮށީގައި އޮތް ޕާކު ތަރައްޤީކުރަން

  • މިއީ ސީއެސްއާރުގެ ދަށުން ސްޓެލްކޯއިން ކުރިއަށްގެންދާ މަސައްކަތެއް

  • އަންނަ ރޯދައިގެ ކުރިން ޕާކުގެ މަސައްކަތް ނިންމުމަކީ ސްޓެލްކޯގެ އަމާޒެއް

ވިލިމާލޭގެ ޕާކެއް ތަރައްޤީކުރުމަށް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.

ސްޓެލްކޯއާ ހަވާލުކޮށްފައިވަނީ ވިލިމާލެ 38 ނަންބަރު ކޮށީގައި މިހާރުވެސް އޮތް ޕާކެއްގެ އާބާތުރަ ފިލުވައި، ތަރައްޤީކުރުމުގެ މަސައްކަތެވެ.

ޕާކު ތަރައްޤީކުރުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި ސްޓެލްކޯއާ ދެމެދު ވަނީ އެއްބަސްވުމެއް ޤާއިމްކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީއާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި، މާލެ ސިޓީ ކައުންސިލްގެ އެކްޓިން މޭޔަރ އަޙްމަދު ނަރީޝްއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މިއީ ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއްކަމަށެވެ. އަދި ބޭނުމަކީ ވީހާވެސް އަވަހަށް މި މަޝްރޫއު ނިންމައި އާންމުންނަށް ބޭނުންކުރުމަށް ހުޅުވާލުންކަމަށް އޭނާ ވިދާޅުވިއެވެ.

"ކުންފުނީގެ ސީއެސްއާރުގެ ދަށުން މިފަދަ މަސައްކަތް މިކުރަނީ ވީހާވެސް ބޮޑަށް ރައްޔިތުންނާއި ގުޅުންހުރި އަދި ރައްޔިތުންނާއި ގުޅުންހުރި ކަންކަން ބަލައިގެން. މާލެ ސިޓީ ކައުންސިލް އަދި މިނިސްޓްރީ އޮސް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްއާއި ގުޅިގެން." ފަހުމީ ވިދާޅުވިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިގޮތަށް އަޅާނުލެވި ހުރި ޕާކުތަކާއި މައިޒާންތައް ތަރައްޤީކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށެވެ.

"ސްޓެލްކޯގެ އިސްނެންގެވުމާއިއެކު މި ޕާކު ހެދޭކަން އެއީ ސަރުކާރުން މިހެން ހުންނަ ތަންތަން ރަނގަޅުކޮށް އާބާތުރަ ފިލުވައި އިތުރަށް ދިރުން ގެނެސްދިނުމަށް ރައީސްގެ ވިސްނުންފުޅާއި އެއްގޮތައް ފާހަގަކުރެވޭ މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން" ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނީ ރަމަޞާންމަސް ނިމުމުގެ ކުރިން މި ޕާކު ތަރައްޤީކޮށް އާންމުންނަށް ހުޅުވާލާނެކަމަށެވެ.