ޚަބަރު

އެސްޓީއޯއިން ދެނީ ރޯދަމަހު ކާބޯތަކެތި ހުސްނުވެ ލިބޭނެކަމުގެ ޔަޤީންކަން


  • ކޮންމެ ރޯދަމަހަކާއި ދިމާކޮށް ކާބޯތަކެތީގެ ޑިމާންޑް ރާއްޖޭގައި އުފުލޭ

  • ދަތިކަމެއް ނެތި، އަގުހެޔޮކޮށް ކާބޯތަކެތި ފޯރުކޮށްދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ

  • އާއްމުކޮށް ބޭނުންވާ ކާބޯތަކެތި ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދޭ

މިއަހަރުގެ ރަމަޞާންމަހުވެސް ދިވެހިން ކެއިންބުއިމުގައި އާންމުކޮށް ބޭނުންކުރާ ތަކެތި ހުސްނުވެ ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ކާބޯތަކެއްޗަށް އޮންނަ ޑިމާންޑް އުފުލޭތީ، ކޮންމެ ރޯދަމަހަކާއި ދިމާކޮށްވެސް އެސްޓީއޯއިން ހާއްސަ ތައްޔާރީތަކެއްވަމުންދެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ، ފުޑް ސެކިއުރިޓީ ޤާއިމްކުރުމަކީ އެސްޓީއޯގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ފުޑް ސެކިއުރިޓީ ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ ދިވެހިރާއްޖޭގައި ރަނގަޅު ވެއަރ ހައުސްތައް ޤާއިމްކޮށް އެ ވެއަރ ހައުސްތަކުން އެކި ރަށްރަށައް ދެމެހެއްޓެނިވި ގޮތެއްގައި ކެނޑިނޭޅި މުދާ ފޯރުކޮށްދިނުންކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގ، އެމްއެސްއެސް މެދުވެރިކޮށް ބައެއް އިންތިޒާމްތައް ހަމަޖައްސާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް ވިދާޅުވީ، މިއަހަރުގެ ރަމަޞާންމަހު ފިޔާ، ބިސް، އަލުވި އަދި ދިވެހިން އާންމު ގޮތެއްގައި ކެއިންބުއިމުގައި ބޭނުންކުރާ ޒަރޫރީ އެހެން ކާބޯތަކެތި ހުސްނުވެ ފޯރުކޮށްދިނުމަށް އެސްޓީއޯއިން މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މިތަކެތި ހުސްނުވެ ލިބޭނެކަމުގެ ޔަޤީންކަންވެސް ޝިމާދު ވަނީ ދެއްވާފައެވެ.

"ރޯދަމަހަށް ބޭނުންވާ އަސާސީ މުދާ ޙާއްސަކޮށް ފިޔާ، އަލުވި، ބިސް އަދި މިދިޔަ އަހަރު އަޅުގަނޑުމެންނަށް އައި އިޝޫއެއް ލުނބޯއާއި ކާއްޓާއި. މިއަހަރު އިރާދަކުރެއްވިއްޔާ އެ އިޝޫ ނައިސްދާނެ ކަމަށް މި ބަލަނީ. އައިއްސިއްޔާމު އެހެން އަންނަ މުދާތައް ސަޕްލައި ޗެއިން އިންޓަރަޕްޓް ނުވެ ގެނެވޭނެ މެކޭނިޒަމްއެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން މިކުރަނީ." ޝިމާދު ވިދާޅުވިއެވެ.

ޝިމާދު ވިދާޅުވީ، އެސްޓީއޯއިން ބަލަނީ މުދާ އެތެރެކޮށް އެމްޕީއެލްއާއި ގުޅިގެން ވިޔަފާރިތަކަށާއި ރައްޔިތުންނަށް ވީހާވެސް އަވަހަކަށް މުދާ ފޯރުކޮށްދިނުންކަމަށެވެ.

ޝިމާދު ވިދާޅުވީ، އެސްޓީއޯއިން އެތެރެކުރާ މުދާ ރަނގަޅު އަގެއްގައި އަދި ރަނގަޅު ކޮލެޓީއެއްގައި އެތެރެކުރެވޭނީ ކޮން ޤައުމުތަކަކުންތޯ ބަލައި، އެ ޤައުމުތަކުން މެދުނުކެނޑި ތަކެތި ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރާއްޖޭގެ ބާޒާރުގައި ވަކި މުދަލެއްގެ އަގު މަތިވެއްޖެނަމަ އަގު ހިފެހެއްޓުމަށްވެސް އެސްޓީއޯއިން އެކަށީގެންވާ ފިޔަވަޅު އަޅަމުންދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.