ޚަބަރު

އެއްވެސް ދަތިކަމެއް ނެތި، އަވަސްކަމާއެކު ރޯދަމަހު މުދާ ކްލިއަރ ކުރެވޭނެ: ވަޖީހު


  • އެމްޕީއެލުން އަންނަނީ ރަމަޟާންމަހަށް ތައްޔާރުވަމުން

  • ރަމަޟާން މަހަށް މުދާ އެތެރެކުރާ މިންވަރު އިތުރުވޭ

  • އެމްޕީއެލުން މުދާ ކްލިއަރކުރުމަށްވެސް ބާރުބޮޑުވޭ

  • ހިދުމަތް އަވަސްކުރުމަށް އާލާތްތައް ހޯދުމުގެ މަސައްކަތްވެސް އެބަކުރޭ

މިއަހަރުގެ ރަމަޟާން މަސް ވެގެންދާނީ، އެއްވެސް ދަތިކަމެއް ނެތި ވިޔަފާރިވެރިންނަށް އަވަސްކަމާއިއެކު މުދާ ލިބިގެންދާނެ މަހަކަށްކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ. ރަމަޟާން މަހަކީ ރާއްޖެއަށް މުދާ އެތެރެކުރުން އިތުރުވާ މަހެކެވެ. ޚާއްޞަކޮށް ކެއުން ބުއިމަށް ބޭނުންކުރާ މުދާ އެތެރެކުރާ ނިސްބަތް އިތުރުވެއެވެ.

އެހެންކަމުން ކޮންމެ އަހަރަކުވެސް ރަމަޟާންމަހު މުދާ ކްލިއަރކުރުމަށް އެމްޕީއެލްއަށް ވަރަށް ބޮޑަށް ބާރު ބޮޑުވެގެންދެއެވެ. އަދި ބައެއް ފަހަރު މުދާ ކްލިއަރކުރުމުގައި ލަސްވެ ވިޔަފާރިވެރިންގެ ކަންބޮޑުވުންވެސް ފާޅުކުރަމުންދެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ، މާލޭ ޕޯޓުގެ ހުޅަނގު ފަރާތުގައި އިންޑިއާއިން އަންނަ ބޯޓުފަހަރަށް ޚާއްސަ ސަރަހައްދެއް އޮންނަކަމަށެވެ. އާންމު ގޮތެއްގައި އެތަނުގައި ޖާގަ އޮންނާނީ އެއްފަހަރާ 2 ބޯޓަށް ޚިދުމަތްދެވޭ ގޮތައްކަމަށާއި ބާކީއޮތް ބައިގައި ބޭނުންކުރަނީ އެމްޕީއެލްގެ ބާޖުތަކާއި ޓަގުތަކާއި އެހެން ބައެއް ކަހަލަ އުޅަނދުތައް އެޅުމަށްކަމަށް ވަޖީހު ވިދާޅުވިއެވެ.

ނަމަވެސް އަންނަ މަހުގެ ކުރީކޮޅު އެ ކުންފުނީގެ އުޅަންދުތައް ނަގައި އެ ސަރަހައްދު ހަމައެކަނި ރާއްޖެއަށް ކާބޯތަކެތި ހިފައިގެން އަންނަ ބޯޓުތަކަށް ޚާއްސަ ކުރާނެކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ. މިއާއިއެކު ރަމަޟާންމަހު ވިޔަފާރިވެރިންނަށް އެއްވެސް ދަތިކަމެއް ނެތި މުދާ ކްލިއަރ ކުރެވޭނެކަމަށް ވަޖީހު ވިދާޅުވިއެވެ.

"އޭގެ މާނައަކީ އެއްފަހަރާ 3 ބޯޓު ނުވަތަ 4 ބޯޓަށް ޚިދުމަތް ދެވޭނެއޭ. އެގޮތައް އެ ޚިދުމަތް ދެވުނީމަ އެއްވެސް ކަހަލަ ދަތިކަމެއްނެތި ވިޔަފާރިވެރިން ބޭނުންވާ ގަޑިއަކަށް މުދާ ދޫކޮށްލެވޭނެ. އެހެންވީމަ އަޅުގަނޑަށް ޔަޤީންކަން އެބައޮތް މިފަހަރު ވެގެންދާނެ ރައްޔިތުންނަށް ވަރަށް ފަސޭހައިން މުދާ ލިބޭ އަހަރަކަށް." އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވިއެވެ.


އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، ބޯޓުފަހަރަށް އޮންނަ ޖާގަ ބޮޑުކޮށްދިނުމުގެ އިތުރުން މިއަހަރުގެ ރަމަޟާންމަހާއި ދިމާކޮށް މުދާ ކްލިއަރ ކުރުން އަވަސްކުރުމަށް ވަސީލަތްތައްވެސް އިތުރުކުރާނެކަމަށެވެ. އަދި ރަމަޟާންމަހު ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމަށްޓަކައި މަގުމަތީގެ ޓްރެފިކްގެ މައްސަލައަށްވެސް ސަރުކާރާއި ގުޅިގެން ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވިއެވެ.