ޚަބަރު

މަޖިލިސް އިންތިޚާބަށް އޭސީސީން އެކުލަވައިލެއްވި ސްޓްރެޓަޖީ އަމަލުކުރައްވަން ފަށްޓަވައިފި


  • މީގެ ބޭނުމަކީ އިންތިޚާބުގައި ހިންގަފާނެ ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުން

  • މައިގަނޑު 6 ސްޓްރެޓެޖީއެއް ކަނޑައަޅާފައިވޭ

  • އޭގެ ދަށުން 14 ޙަރަކާތް ރާވައި ހިންގުމަށް ވަނީ ނިންމާފައި

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޚާއްސަކޮށްގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލާފައިވާ "އެންޓި-ކޮރަޕްޝަން އިލެކްޝަން ސްޓްރެޓަޖީ" އާންމުކޮށް، އެއާއި އެއްގޮތަށް މަސައްކަތް ފަށައިފިއެވެ.

"މަޖިލިސް އިންތިޚާބު 2024 - އެންޓިކޮރަޕްޝަން އިލެކްޝަން ސްޓްރެޓެޖީ" އަކީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަން ވިލަރެސްކޮށް، އިންތިޚާބުގައި ހިންގާފާނެ ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވައި ނަޒާހަތްތެރި އިންތިޚާބެއް ބޭއްވުމަށް ބާރުއެޅުމުގެ ގޮތުން ކޮމިޝަނުން ގެންގުޅޭނެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެއްކަމަށް އޭސީސީން ވިދާޅުވެއެވެ.


މި ސްޓްރެޓެޖީގެ މަޤްޞަދަކީ އިންތިޚާބީ ދުވަސްވަރު ހިންގަފާނެ ކޮރަޕްޝަނުގެ ޢަމަލުތަކަށް ފާރަވެރިވެ، އެފަދަ ޢަމަލުތައް ހިންގުން މަދުކުރުމާއި، އިންތިޚާބީ ކޮރަޕްޝަނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރުން ހަރުދަނާކުރުމާއި މައްސަލަތައް ބެލުން އަވަސްކުރެވޭނެ މަގު ހޯދުންކަމަށް އޭސީސީން ވިދާޅުވެއެވެ.

ވޯޓުލުމުގައި ނަޒާހަތްތެރިވުމުގެ މުހިންމުކަމާމެދު ކަމާބެހޭ އެންމެހާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުމުގެ އިތުރުން، އިންތިޚާބީ ދުވަސްވަރަށް ތައްޔާރުވުމަށް ކޮމިޝަނުން ކުރަންޖެހޭ އެންމެހާ ކަންކަން ރޭވުންތެރިކަމާއެކު ނަތީޖާ ނެރެވޭގޮތަކަށް ބައްޓަންކުރުމަކީވެސް ސްޓްރެޓެޖީގެ މަޤްޞަދެއްކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އެންޓި-ކޮރަޕްޝަން އިލެކްޝަންސް ސްޓްރެޓެޖީގައި މައިގަނޑު 6 ސްޓްރެޓެޖީއެއް ކަނޑައަޅައި އޭގެ ދަށުން 14 ޙަރަކާތް ރާވައި ހިންގުމަށް ވަނީ ނިންމާފައެވެ.