ޚަބަރު

ޖަޕާނަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ: މެޓް


  • ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މެންދުރު 12:10 ގައި

  • ބިންހެލުން އައިސްފައިވަނީ 7.3 މެގްނިޓިއުޑްގެ ބާރުމިނުގައި

ޖަޕާނަށް މިއަދު އައި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ހޮންސޫއަށް ބިންހެލުން އައިސްފައިވަނީ 7.3 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މެންދުރު 12:10 ގައެވެ. މިބިންހެލުމާ ގުޅިގެން އެގައުމުގައިވަނީ ސުނާމީގެ އިންޒާރު ދީފައިވެއެވެ. އަދި ޖަޕާނުގެ އައްސޭރި ފަށުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ދިއުމަށް ވެސް ވަނީ އަންގާފައެވެ.

ޖަޕާނުގެ ކަނޑުގެ އައްސޭރިފަށުގެ ބައެއް ހިސާބުތަކަށް ސުނާމީ އަރާނީ ގާތްގަނޑަކަށް 5 މީޓަރުގެ އުސްމިނުގައި ކަމަށާއި ސުނާމީއާ ގުޅިގެން ބޮޑެތި ރާޅު އުފެދޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ޖަޕާނަށް އައި މިބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށެވެ. އަދި ރާއްޖެ ކައިރީގައި އުފެދޭ މިފަދަ ބިންހެލުންތަކުގެ މައުލޫމާތު ދެނެގަތުމަށް އެއިދާރާއިން 24 ގަޑިއިރު ފާރައަށް ތިބޭކަމަށާއި އާންމު ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ހާލަތެއް އައިސްފިނަމަ އެކަން ސަމާލުކަމަށް ގެންނާނެކަމަށެވެ.

މިިދިޔަ ހޯމަ ދުވަހުވެސް ވަނީ ރާއްޖެ ކައިރިއަށް ކުދި ބިން ހެލުން ތަކެއް އައިސްފައެވެ. އެގޮތުން އެދުވަހުގެ ރޭ މެންދަމުން ފެށިގެން ހެނދުނާއި ދޭތެރޭ، ކާލްސްބާގް, މިޑް އިންޑިއަން ރިޖަށް 4 ބިންހެލުން އައިސްފައިވެއެވެ. ނަމަވެސް ރާއްޖެއަށް އަސަރުކޮށްފައް ނުވެއެވެ.