ޚަބަރު

ވޭތުވެދިޔަ 50 އަހަރުތެރޭ އެންމެ ގިނައިން ހުޅުލެއަށް ވާރޭވެހުނީ އިއްޔެ


  • ހުޅުލެއަށްވަނީ 179.7 މިލިމީޓަރުގެ ވާރޭ ވެހިފައި

  • މާލެއަށް 118.2 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ

  • ބ.ގޮއިދޫއަށް 105.6 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ

ވޭތުވެދިޔަ 50 އަހަރުތެރޭގައި ހުޅުލެއަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ އިއްޔެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ. ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި މާލޭ ސަރަހަށްދަށްވެސް މެދުނުކެނޑި ވާރޭވެހި އިއްޔެވަނީ ފެންބޮޑުވެފައެވެ.

މޫސުމާބެހޭ އިދާރާއިން ނެރުނު ރެކޯޑުތަކުން ދައްކާގޮތުގައި މިހާތަނަށް ހުޅުލެއަށް އެންމެގިނައިން ވާރޭ ވެހިފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައެވެ. އެއީ 179.7 މިލިމީޓަރުގެ ވާރޭއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ މާލެއަށެވެ. މާލެއަށް 118،2 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ބ.ގޮއިދޫއަށްވަނީ 105.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މީގެ އިތުރުން ކ.ދިއްފުށި، މ.މުލީ، ގދ.ކާޑެއްދުއަށްވެސް ބޯކޮށް ވާރޭވެފިފައިވާ ކަމަށް މޫސުމާބެހޭ އިދާރާގެ ރެކޯޑުތަކުން ދައްކައެވެ.

ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަވަމުން މޫސުމާއި ބެހޭ ގައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓިކް އަހުމަދު ޝަހުދް ވިދާޅުވީ ވޭތުވެދިޔަ 50 އަހަރުތެރޭގައި ހުޅުލެއަށް އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރިކޯޓް ކުރެވިފައިވަނީ އިއްޔެކަމަށެވެ.

" ހުޅުލެއަށް ރިކޯޑް އަދަދަކަށް މި ވަނީ ވާރޭ ވެހިފައި. 179.7 މިލިމީޓަރު ވާރޭ .އެއީ ގާތް ގަނޑަކަށް އަޅުގަނޑުމެންގެ މާލެ ސަރައްދުގެ ރިކޯޑްތަކަށް ބަލާއިރު 50 އަހަރުތަކުގެ ގިނަ ރިކޯޑް އެބަ ހުރި. އެ ހުރިހާ ރިކޯޑްތަކަށް ބަލާއިރު ރިކޯޑް ހައި އަދަދެއް" ޝަހުދު ވިދާޅުވިއެވެ.

އިއްޔެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި ވިއްސާރައިގައި ވަރަށް ބޮޑަށް ފެންބޮޑުވެ ގެއްލުންތަކެއް ލިބިފައި ވެއެވެ. އަދި ބައެއް ގެތަކުން މީހުން ހުސްކޮށް، ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ވިއްސާރައިގައި ގެއްލުންވި ގޭގެއަށް ރައީސުލްޖުމްހޫރިއްޔާ އަދި ކެބިނެޓްގެ ބޭފުޅުން ޒިޔާރަތްކުރައްވާވަނީ ހާލު ބައްލަވާލައްވާފައެވެ.