ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮރެންޖް އިންޒާރު ނެރެފިއެވެ. އޮރެންޖް އިންޒާރު ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން އދ.އަތޮޅަށެވެ.
މެޓް އޮފީހުން އޮރެންޖް އިންޒާރު ނެރެފައިވަނީ 15:15 އިން ފެށިގެން 17:30 އަށެވެ. އޮރެންޖު އިންޒާރު ނެރެނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ނުވަތަ ފެންބޮޑުވާނެ ކަމަށް ލަފާކުރެވުމުން ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން އޮރެންޖު އިންޒާރު ނެރުމަށް ނިންމަނީ ގަޑި އިރެއްގެ ތެރޭގައި 90 މިލިމީޓަރުގެ ވާރޭ ނުވަތަ 6 ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހުމުން ނުވަތަ ވެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. އޮރެންޖް އިންޒާރަކީ ދެވަނައަށް އެންމެ ނުރައްކާ އިންޒާރެވެ.
Alert Orange for Torrential rain and possible flooding. pic.twitter.com/phpeuePa5r
— Maldives Meteorology (@MetMaldives) December 31, 2023
މިހާރު ރާއްޖެއަށް ކުރަމުންދާ މިވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެތީ ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ފަށާފައެވެ. އެގޮތުން އައިޖީއެމްއެޗް ކައިރި، ދިވެހިރާއްޖޭގެ އަޑު، ވެސްޓް ޕާކު، މާފަންނު ސްޓޭޑިއަމް، ޕޮލިޓެކްނިކް، ހުޅުމާލޭ ފެރީ ޓަރމިނަލްގެ އިތުރުން ޕޯސްޓް އޮފީސް ކައިރީގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.