ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާއިހެދި ނުހެދި 63 ރަށެއް އެބައޮތް ކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ. މީގެތެރޭގައި ވަރަށް ގިނަ ދުވަސްވީ ރަށްތައް ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވީ، ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ނުހެދި ހުރި ރަށްތަކުގެ މައުލޫމާތު އެއްކުރެއްވިކަމަށެވެ. އެގޮތުން އެވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 63 ރިސޯޓެއް އެވޯޑް ކުރެވި މިހާތަނަށްވެސް ފަތުރުވެރިކަމަށް ނުނެރެވިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މިރަށްތަކަށް އިންވެސްޓްކޮށްފައިވާ އިންވެސްޓަރުންނާއި މަޝްވަރާކުރައްވައިގެން އަވަހަށް މާކެޓަށް ނެރެވޭނެ ގޮތްތައް ބައްލަވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 63 ރަށެއް އެބައޮތް ދޫކުރެވި އެވޯޑް ކުރެވިގެން ބައެއް ރަށްރަށް އެބަހުރި 20 އަހަރު 10 އަހަރު 15 އަހަރު އެރަށްތައް މާކެޓަށް ނުނިކުމެ. އަޅުގަނޑުމެން ފުރަތަމަ ކަމަކަށް ޓޫރިޒަމް މިނިސްޓްރީން މި ކުރަމުންދާ މަސައްކަތަކީ އެރަށްތައް އައިޑެންޓިފައިކޮށް، އެރަށްތައްކަށް އިންވެސްޓްކޮށްފައި ތިބި ވިޔަފާރިވެރިން ހޯދައިގެން އެ ވިޔަފާރިވެރިންނާއެކީ ވަރަށް ގާތް އެކުވެރި މާހައުލެއްގައި މަޝްވަރާކުރެވިގެން ކޮބައިތޯ އެ ވިޔަފާރިވެރިންނަށް ހުރި ދަތިތަކަކީ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިހެން ހުރި ރަށްތައް ހެދުމަށްޓަކައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ދެވޭނެ ފަސޭހަތަކާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްއާއެކުވެސް މަޝްވަރާކުރައްވަމުން ގެންދަވާކަމަށެވެ.
"އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް ޓާގެޓެއް އެއީ އެހެން ނުހެދި ހުރި ރަށްތައް މި 5 އަހަރު ދުވަސްތެރޭގައި %50 ރަށްތައް މާކެޓަށް ނެރުން. އެ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދާދީގެން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އަމާޒަކީ އަންނަ އަހަރުތެރޭ 12 ނުވަތަ 15 ރިސޯޓް އަލަށް ހުޅުވުންކަމަށެވެ. މިއަދަދަށް އެނދު ނެރެވިއްޖެނަމަ އެއީ 1000 އެނދުގެ އިތުރުވުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ބައިނަލްއަޤްވާމީ ގައުމުތަކާއި އޮންނަ ގުޅުން ބަދަހިކޮށް އިންވެސްޓަރުން ހޯދުމަށްވެސް މިސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.