ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޖެޓްތައް ޕާކުކުރުމަށް ޖާގަ އިތުރުކޮށް، މި އަހަރުގެ ފިނި މޫސުމުގެ ޗުއްޓީއަށް ވީއައިއޭ ތައްޔާރުވެއްޖެއެވެ.
ކޮންމެ އަހަރަކުވެސް އައު އަހަރާއި ފިނި މޫސުމުގެ ޗުއްޓީއާ ދިމާކޮށް ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. އޭގެ ތެރޭގައި ޕްރައިވެޓް ޖެޓުތަކުގައި އަންނަ ފަތުރުވެރިންވެސް ހިމެނެއެވެ. މިހާރުވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ވަނީ ޖެޓްތަކުން ފުރާލާފައެވެ.
ވީ.އައި.އޭ ހިންގަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީއެލްއިން ބުނީ މި އަހަރުގެ ފިނި މޫސުމުގެ ސުޕަރ ޕީކް ސީޒަންގެ ޗުއްޓީއަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އަދި އެއަރޕޯޓަށް އަންނަ ޖެޓުތައް ޕާކު ކުރުމަށް ޖާގަ އިތުރުކޮށްފައިވާކަމަށެވެ.
އެގޮތުން ޖުމްލަ 68 ޖެޓު ޕާކު ކުރެވޭނެ ޖާގަ މިހާރު ވީއައިއޭގައި ވަނީ ހަދާފައެވެ. މިއީ އެ އެއަރޕޯޓުގައި ޕްރައިވެޓް ޖެޓު ޕާކު ކުރުމަށް ކަނޑައެޅި ރެކޯޑު ޢަދަދެއްކަމަށްވެސް އެމް.އޭ.ސީ.އެލްއިން ބުނެއެވެ.
މީގެ ކުރިން އެއަރޕޯޓުގައި އެއްފަހަރާ ޕާކު ކުރެވެނީ 39 އެއަރކްރާފްޓަށެވެ. އައު ފިއުލް ފާމު ކުރިމަތިން ޕާކިންގއަށް ތަރައްޤީކުރި ސަރަޙައްދާއި، ހުޅަނގު އުތުރު ސަރަޙައްދުގައި ތަރައްގީ ކުރި ޕާކިންގ ޖާގަތަކާއެކު މި ޢަދަދު ވަނީ 68 އަށް އިތުރުވެފައެވެ.
މި ބަދަލު ގެނައި އެއަރޕޯޓުގެ ހުޅަނގު ދެކުނުން 27،257 އަކަމީޓަރުގެ ޖާގައާއި، އައު ފިއުލް ފާމުގެ ކުރިމަތިން އެއަރޕޯޓުގެ އުތުރުން 27،590 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕާކިން ޖާގަ ތަރައްޤީކޮށްގެންކަމަށް އެމް.އޭ.ސީ.އެލްއިން ބުނެއެވެ.
މިއީ ފިނިމޫސުމުގެ ޗުއްޓީއާ ދިމާކޮށް ރާއްޖެއަށް ކުރާ ވައިގެ ދަތުރުފަތުރުގެ ޑިމާންޑަށް ކޭޓާ ކުރުމަށް އެމް.އޭ.ސީއެލް އިން ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ ޕާކިން ޖާގަތަކެއްކަމަށްވެސް އެކުންފުނިން ބުނެއެވެ.
އައު އަހަރު ދިމާކޮށް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް އަބަދުވެސް ބާރު ބޮޑުވެއެވެ. މިއަހަރުގެ މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިދުވަސްވަރު އެވްރެޖުކޮށް ދުވާލަކު 6000 އާއި 7000 ދެމެދުގެ ފަތުރުވެރިން ރާއްޖެ އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.