ޚަބަރު

އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރަކަށް ޑރ. މަރްޔަމް ޒުލްފާ


  • މީގެކުރިން މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުވެސް ފުރުއްވި

  • ޒުލްފާ ވަނީ އޮސްޓްރޭލިއާއިން ޕީއެޗްޑީ ހާސިލްކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ. މި މަޤާމަށް އައްޔަންކުރައްވާފައިވަނީ މ. ވައިނުޖެހޭގެ، ޑރ. މަރްޔަމް ޒުލްފާއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ރައީސް ބޭފުޅަކު އައްޔަންކުރައްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ ދަށުންނެވެ.

މީގެ ކުރިން ޑރ. މަރްޔަމް ޒުލްފާ ވަނީ މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުވެސް ފުރުއްވާފައެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ޢައްޔަނު ކުރެއްވުމާ ހަމައަށް ޒުލްފާ ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނަރޖީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ.

ޑރ. މަރްޔަމް ޒުލްފާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީގެ ކާޓިން ބިޒްނަސް ސްކޫލުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ހާސިލްކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަން އިން މާސްޓާސް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް ލޯ (އެލް.އެލް.އެމް.) ހާސިލްކުރެއްވުމުގެ އިތުރުން ނިއުޒިލޭންޑްގެ ވައިކާޓޯ ޔުނިވަރސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ.) ހާސިލްކުރައްވާފައެވެ.