ޚަބަރު

އިންވެސްޓަރުނުް ގެނައުމަށް ޖުޑީޝަރީން އެހީވަނީ


ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމުކޮށްދެއްވުމަށް ޝަރުޢީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ނިންމަވައިފިއެވެ.

ޝަރުޢީ ދާއިރާއިން ވަނީ ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ޢިލްމީ މަހާސިންތާއެއް ބޭއްވެވުމަށް ނިންމަވައިފައެވެ. ޕީ.އެސް.އެމަށް މައުލޫމާތުދެއްވަމުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ލީގަލް އޮފިސަރު އަލްއުސްތާޛާ މަރިޔަމް ފާތިން ވިދާޅުވީ މި މަހާސިންތާގައި ވޯލްޑް ބޭންކްގެ ޑުއިންގ ބިޒްނަސް އިން މޯލްޑިވްސް 2016ގައި، ރާއްޖޭގެ ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ފާހަގަކުރައްވައިފައިވާ ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ވިޔަފާރިތަކުގެ މެދުގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް ޝަރުޢީ ދާއިރާގެ ތެރޭގައި ހޭދަވާ ވަގުތު ވީހާވެސް ކުޑަކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފާތިން ވިދާޅުވިއެވެ.

ބޭރުގެ އިންވެސްޓަރުން ރާއްޖެއައުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން އިންވެސްޓަރުން ރަޖިސްޓްރީ ކުރުމުގައި ޝަރުޢީ ދާއިރާގެ ތެރެއިން ކުރިއަށްގެންދަވަންޖެހޭ ބައި އަވަސް ކުރެއްވުމާއި، އެހެނިހެންވެސް ޤާނޫނީ ހުރަސްތައް ނައްތަވާލެއްވުމާ ގުޅޭގޮތުން މިމަހާސިންތާގައި މަޝްވަރާ ކުރައްވައި ގޮތްތަކެއް ނިންމަވާނެކަމަށް ޖުޑީޝަރީން މައުލޫމާތުދެއްވައެވެ. މީގެ އިތުރުން ޝަރުޢީ ކޯޓުތަކަށް ހުށައެޅޭ ވިޔަފާރިއާ ގުޅުންހުރި މައްސަލަތައް ނިންމުމަށް ހޭދަވާ ވަގުތު މިހާރަށްވުރެ އަވަސްކުރުމާ ގުޅޭގޮތުންނާއި، ތަންފީޛު މަރުޙަލާ ހަލުވިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޖުޑީޝަރީން މައުލޫމާތުދެއްވައެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ މިމަހާސިންތާއާ ގުޅޭގޮތުން ސިވިލް ކޯޓުގެ ފަނޑިޔާރުންނާއެކު އިބްތިދާޢީ ބައްދަލުވުމެއް އިއްޔެ ބާއްވަވާފައެވެ.

ޝަރުޢީ ދާއިރާއިން ރާއްޖެއަށް އިންވެސްޓަރުންނަށް ފުރުޞަތު ފަހިކޮށްދެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބާއްވަވާ މިމަހާސިންތާގައި ޖުޑީޝަރީގެ އިސްފަރާތްތަކުގެ އިތުރުން ރާއްޖޭގެ މާލީ ދާއިރާއާއި، މާލީ ދާއިރާއާއި ގުޅުންހުރި ފަރާތްތައް ބައިވެރިވާނެކަމަށް ޖުޑީޝަރީން މައުލޫމާތުދެއްވައެވެ.