ޚަބަރު

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


  • ފޯމު ހުށައެޅުމަށް ކުރިން ހުޅުވާލާފައިވަނީ މިމަހުގެ 25 ގެ ނިޔަލަށް

  • މިހާރު އެ ފުރުޞަތު މިމަހުގެ 30 ނިޔަލަށް ވަނީ އިތުރުކޮށްފައި

  • އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެވޭނީ، ޕާޓީގެ މެންބަރުންނަށް އެކަނި

  • ފޯމު އެމްޑީޕީގެ ވެބްސައިޓުން ލިބެން ހުންނާނެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބަށް ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެޕާޓީގެ ފަރާތުން އެންމެ ފުރަތަމަ މި ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 25 އާއި ހަމައަށެވެ.

ނަމަވެސް އެމްޑީޕީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ޓިކެޓު ހޯދުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު މިމަހުގެ 30 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.


އެމް.ޑީ.ޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރެވޭނީ، ޕާޓީގެ މެންބަރަކަށްވުމާއެކު، ޤާނޫނު އަސާސީގެ 7 ވަނަ މާއްދާގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށްކަމަށް އެޕާޓީން ބުނެއެވެ.

ޤާނޫނު އަސާސީގެ 7 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމުގެ ޝަރުތުތަކުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ދިވެހި ރައްޔިތަކަށްވުމާއި، ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުމާއި، މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުމުގެ އިތުރަށް، ޢުމުރުން އަށާރަ އަހަރު ފުރިފައިވާއި މީހަކަށްވުން އަދި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުމެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ އަންނަމަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހުއެވެ. ނަމަވެސް، ޕްރައިމަރީ ބޭއްވުމަށް ސްކޫލްތަކުގެ ހޯލުތައް ބޭނުންވާތީ، ހޯލު ލިބޭ ގޮތަކުން، ޕްރައިމަރީ ބާއްވާ ދުވަހަށް ބަދަލު އަތުވެދާނެކަމަށް އެމް.ޑީ.ޕީން މީގެ ކުރިން ބުނެފައިވެއެވެ.