ޚަބަރު

ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް ބާއްވަން ތާވަލުކުރި ކޮމެޓީ، ކޯރަމް ހަމަނުވުމުން ކެންސަލް


  • 22 ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާލީ މިމަހު 18 ގައި

  • މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާލީ ވުޒާރާތަކުގެ މެންޑޭޓު ފާސްނުވާކަމަށްތީކަމަށްބުނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވުމަށް ތާވަލުކުރި ކޮމެޓީ ބައްދަލުވުން ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ. އެހެންނަމަވެސް ވުޒާރާތަކުގެ މެންޑޭޓު ފާސްނުކުރާތީ ކަމަށްބުނެ، މަޖިލީހުން ނިންމީ އެ މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާށެވެ. މި މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާލީ މިމަހުގެ 18 ގައެވެ.

އެހެންކަމުން ކޮމެޓީއަށް އަނބުރާ ފޮނުވާލި ރިޕޯޓާމެދު ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމެއް މިއަދު ހެނދުނު 9:00 އަށް ތާވަލުކުރިއެވެ. ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ކޮމެޓީ ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ.

އެނގިފައިވާގޮތުގައި އެމް.ޑީ.ޕީގެ އަޣުލަބިއްޔަތު އޮންނަ މި ކޮމެޓީ ބައްދަލުވުމަށް ވަޑައިގަތީ އެންމެ 3 މެންބަރުންނެވެ.

ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި ކޮމިޓީން ފުރަތަމަ ނިންމާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންގެވެސް ޝަރުތު ހަމަވާ ކަމަށެވެ. އެހެންނަމަވެސް ކޮމިޓީން ނިންމީ ރުހުން ދޭން ފެނޭތޯ ބަލަން ކޮންމެ ވަޒީރަކަށް ވަކިވަކިން ވޯޓަށް އަހާށެވެ.